ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، މޯލްޑިވްސް އިސްލާމިކް ބޭންކުގައި ޑޮލަރު އެކައުންޓް ހުޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެ އެކައުންޓަށް ޖަމާވުމުގެ ހަ ދުވަސް ކުރީންކަން، މިއަދު އާންމުކުރި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތަފްސީލީ ރިޕޯޓުން ހާމަވެއްޖެ އެވެ.
އެ ރިޕޯޓުން ހާމަވާ ގޮތުން، ރައީސް ޔާމީން އިސްލާމިކް ބޭންކުގައި އެމެރިކާ ޑޮލަރު އެކައުންޓު ހުޅުވާފައިވަނީ އެސްއޯއެފްގެ ފައިސާ ޖަމާކުރުމުގެ 6 ދުވަސް ކުރިންނެވެ. ރިޕޯޓުގައި ބުނެފައިވަނީ، އެމަނިކުފާނު ޑޮލަރު އެކައުންޓް ހުޅުވުމަށް ޖަމާކޮށްފައިވާ 250 ޑޮލަރު ފިޔަވައި ދެން އެކައުންޓަށް ޖަމާކޮށްފައި ވަނީ އެސްއޯއެފުން ޖަމާކޮށްފައިވާ އެއްމިލިއަން އެމެރިކާ ޑޮލަރު އެކަނި ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޚިޔާނާތުގެ އެއްމިލިޔަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީން ބުނާއިރު އެމަނިކުފާނު ވަނީ އެތައް ފަހަރަކު އެކަމަށް އިންކާރު ކުރައްވައިފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައިފަ އެވެ. އަދި ފުލުހުންވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޔާމީން އޭސީސީއަށް ވިދާޅުވެފައިވަނީ އެކައުންޓަށް ވަން ފައިސާ އަކީ ސިޔާސީ ގޮތުން ތާއީދު ކުރައްވާ ފަރާތްތަކުން އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކަށް ދީފައިވާ ފައިސާ ކަމަށެވެ. އަދި އެފައިސާތައް ބަލަހައްޓަވަނީ އަދީބު ކަމަށްވެސް ވިދާޅުވެފައިވެ އެވެ.