ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހަފުތާ ބަންދު ދުވަސްތައް ބަދަލުކޮށް, ހުކުރު ދުވަހުގައި މަސައްކަތް ކުރަން ޖެހޭ ވަގުތު ކުޑަކޮށްފިއެވެ.
ޔޫއޭއީ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައި ވަނީ, އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާ އެ އުސޫލުގެ ދަށުން ހޯމަ ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދުގައި މަސައްކަތް ކުރަންޖެހޭނީ ހެނދުނު 7:30 އިން މެންދުރުފަހު 3:30 އަށެވެ.
ނަމަވެސް ހުކުރު ދުވަހު މަސައްކަތް ކުރަން ޖެހޭނީ ހަތަރު ގަޑިއިރާ ބައެވެ. އެއީ ހެނދުނު 7:30 އިން މެންދުރު 12:00 އަށެވެ. އަދި ޔޫއޭއީގައި ހުކުރު ނަމާދު ކުރާނީ ކޮންމެ ހުކުރެއްގެވެސް މެންދުރުފަހު 1:15ގައި ކަމަށް ބުނެފައިވެއެވެ.
ޔޫއޭއީ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ, ހުކުރު ދުވަހު އެ މުވައްޒަފަކަށް ފަސޭހަ ވަގުތެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން ގޭގައި ތިބެގެންވެސް މަސައްކަތް ކުރެވޭނެއެވެ.
މި ބަދަލު ގެނައި ސަބަބެއް ކަމަށް ބުނެފައިވަނީ, މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކޮށް, މަސައްކަތާއި ދިރިއުޅުމުގައި ހަމަހަމަކަން ގެނައުމަށެވެ.
ޔޫއޭއީ އަކީ މިހާރު ދިވެހީން އެންމެ ގިނައިން ދަތުރު ކުރާ އެއް ގައުމެވެ. ވަކީން ހާއްސަކޮށް ކޮވިޑާ ގުޅިގެން އައި ބޮޑު ލޮކްޑައުންއަށް ފަހު، އެންމެ އަވަހަށް ބޯޑަރު ހުޅުވާލި އެއް ގައުމަކަށް ޔޫއޭއީ ވުމުން ވަރަށް ގިނަ އަދަދެއްގެ ދިވެހީން އަންނަނީ އެ ގައުމަށް ދަތުރުކުރަމުންނެވެ. ވަކީން ހާއްސަކޮށް ދުބާއީއަކީ މިހާރު ދިވެހީން އެންމެ ގިނައިން ދަތުރުކުރާ އެސް ސިޓީއެވެ.