ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފާހަގަކުރެވުނު ކޮވިޑުގެ އޮމިކްރޮން ވޭރިއަންޓުގެ ސަބަބުން އެގައުމަށް ވަނީ ކޮވިޑުގެ ހަތަރު ވަނަ ރާޅެއް އަރާފައެވެ. ކޮވިޑުގެ އަދަދުތައް މަތިވަމުންދިޔަ ނަމަވެސް އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ އަދަދުތައް ނިސްބަތުން އިތުރު ނުވާކަމުގައި އެގައުމުން ވަނީ ބުނެފައެވެ.
ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޮސާ ވިދާޅުވީ އޮމިކްރޮންގެ ސަބަބުން ދުވާލަކު ޕޮޒިޓިވް ވާ އަދަދުތައް އެގައުމުގައި މަތިވަމުން ދާ ކަމަށާއި ނަމަވެސް އެނދުމަތިކުރާ މީހުންގެ އަދަދުތައް ނިސްބަތުން އިތުރުވަމުން އައިސްފައި ނުވާ ކަމަށެވެ.
އޮމިކްރޮން ވޭރިއަންޓު ދެނެގަތުމަށް އިތުރު ދިރާސާތަކާއި ތަހުލީލުތައް ކުރެވެމުން އަންނަ ކަމަށާއި ނަމަވެސް މި ވޭރިއަންޓު ފެތުރެމުން ދާ ބާރުމިނާއި ބަލާއިރު އެނދުމަތިކުރަން ޖެހޭ އަދަދުތައް އިތުރުވެގެން ގޮސްފައި ނުވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. މި ސަބަބަށް ޓަކައި އެގައުމުގެ ހެލްތު މިނިސްޓަރު ޖޯ ފާހްލާ ވެސް ވަނީ އާ ވޭރިއަންޓާ ގުޅިގެން ޕޮޒިޓިވްވާ އަދަދުތައް މަތިވަމުން ދިޔަނަމަވެސް ރައްޔިތުން ކަންބޮޑު ނުވުމަށް އިލްތިމާސް ކުރައްވާފައެވެ.
ރަސްމީ ދަތުރުފުޅެއްގައި ގާނާގައި ހުންނެވި ރައީސް އިތުރަށް ވިދާޅުވީ މި ވޭރިއަންޓާ ގުޅިގެން އެގައުމަށް ދުނިޔޭގެ ގައުމުތަކުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އެ ގައުމުން މިދިޔަ މަހުގެ ފަހުކޮޅު ފެނުނު ކޮވިޑުގެ އާ ވޭރިއަންޓުގެ ސަބަބުން ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދުތައް ވަނީ 19،302 އިން 75،000 އަށް އަރާފައެވެ.
މިވަގުތު ދުނިޔޭގެ ގިނަ ގައުމުތަކަކުން އޮމިކްރޮން ވޭރިއަންޓުގެ ކޮވިޑް ކޭސްތައް ފެންނަމުން ދާއިރު ދިވެހިރާއްޖެއިން ވަނީ އޮމިކްރޮންގެ ފުރަތަމަ ކޭސް އިއްޔެ ރިޕޯޓުކޮށްފައެވެ.