ކޯސްޓްގާޑް

މޫސުން ގޯސްވުމުން ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި

މިދުވަސްވަރު މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މޫސުމާ ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް އަންގާފައިވާކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކެއްގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ ކަމަށެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭއްވެވުމަށާއި ދަތުރަށް ފުރުމުގެކުރިން ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާއިބެހޭ މައުލޫމާތު އެންގުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އޭގެ އިތުރުން އުޅަނދުގައި ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާނެ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމާއި، ހާއްސަކޮށް ކުދި އުޅަނދު ފަހަރުގައި ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

އެމްއެންޑީއެފުން ބުނީ މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލުކުރުމާއި ތަކެތި ރަނގަޅަށް އައްސާފައި ބެހެއްޓެވުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.

އަދި ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުއްވުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތަައް ނުރޭވުމަށާއި އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް، އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެމްއެންޑީއެފުންވަނީ ކަނޑު ދަތުރު ފަތުރު ކުރައްވާ ފަރާތްތަކުން ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އިލްތިމާސް ކޮށްފައިވެއެވެ.