ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

ފެލިވަރުގައި ކާނާ ވިހަވި މީހުން ބޭނުންކުރި ތަކެތީގައި ކެމިކަލެއްގެ އަސަރު ހުރިކަމަށް ބެލެވޭ: އެޗްޕީއޭ

ޝަހީދާ އަބްދުﷲ ސައީދު

ޅ. ފެލިވަރުގައި ހުރި މަސް ބަންދުކުރާ ކާރުޚާނާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ބޭނުންކުރި ކާބޯތަކެތީގައި ސޫފާސޫފި މެރުމަށް ބޭނުންކުރާ ކެމިކަލް (އިންސެކްޓިސައިޑް) ހުރިކަމަށް ބެލެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ ފެލިވަރުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ހޮޑުލައި ވަރުދެރަވުމާ ގުޅިގެން އެމީހުން ދިރިއުޅޭތަން ބަލައި ޗެކްކުރުމަށް ފަހު ރޭ ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި ބުނީ ފެލިވަރުގައި ކާނާ ވިހަވި މައްސަލައަކާ ގުޅިގެން ނައިފަރު ހޮސްޕިޓަލުގެ ޓީމަކުން މިިދިޔަ ހުކުރު ދުވަހު ފެލިވަރަށް ގޮސް ބެލިއިރު މުވައްޒަފުން ދިރިއުޅޭ އެޕާޓްމަންޓުތަކަށް އިންސެކްޓި ސައިޑް ސްޕްރޭ ކޮށްފައިވާ ކަމަށެވެ.

އަދި އެ ސްޕްރޭގެ އަސަރު އޭގެ ތެރެއިން ބައެއް ތަންތަނުގައި ބޭނުންކުރި ކާތަކެއްޗަށް ކޮށްފައިވާކަމަށް ލަފާކުރެވޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި ހޮޑުލައި ވަރުދެރަވެގެން ފަރުވާ ހޯދި ގިނަ މީހުންނަކީ ސްޕްރޭކުރި ތަންތަނުގައި ދިރިއުޅޭ މީހުންކަން ފާހަގަކުރެވުނު ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިން ކަމަށާއި އެޑްމިޓްކޮށްގެން ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އެމީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އަތޮޅު ހޮސްޕިޓަލާ ހަވާލާދީ އެޗްޕީއޭއިން ވަނީ ބުނެފައެވެ.