ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް

ވިމް އިން ބޭއްވި ޓްރެއިން ދަ ޓްރެއިނާ ޕްރޮގްރާމް ނިންމާލައިފި

މުހައްމަދު އައުޒަމް

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔައްގެންދިޔަ "ޓްރެއިން ދަ ޓްރެއިނާ" ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ފަންސަވީސް ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ "ޓްރެއިން ދަ ޓްރެއިނާ" ޕްރޮގްރާމްގައި ތަމްރީނު ދެއްވީ ބައިނަލްއަގުވާމީ ސެޓިފައިޑް ޓްރެއިނަރެއް ކަމަށްވާ ޑރ. ސުލޯޗަނާ ސެގަރާއެވެ. ސުލޯޗަނާ އަކީ ވިމެން އިން މެނޭޖްމަންޓްގެ ޗެއާޕާސަންވެސް މެއެވެ.

"ޓްރެއިން ދަ ޓްރެއިނާ" ޕްރޮގްރާމްގައި ވަނީ އަމަލީ ގޮތުން މީހުން ތަމްރީނުކުރުމަށް ބޭނުންވާ ހުނަރު އުނގަންނައި ދީފައެވެ. ތަމްރީނު ދިނުމުގައި ބަލަންޖެހޭ ބައިތަކާއި އެބައިތައް އެންމެ ފުރިހަމަ ގޮތުގައި ބައިވެރިންނަށް ފޯރުކޮށްދޭނޭ ގޮތް ވަނީ މި ޕްރޮގްރާމްގައި ކިޔަވައި ދީފައެވެ. ތަމްރީން ޕްރޮގްރާމްތައް ހިންގާއިރު ބަލަންޖެހޭނެ ކަންތަކާއި ތަމްރީނެއް ދިނުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި ހުށަހެޅުމުގައި ވިސްނަންޖެހޭނެ ކަންތައްތައްވެސް ވަނީ މި ޕްރޮގްރާމްގައި ކިޔަވާދީފައެވެ. އޭގެ އިތުރުން ބައިވެރިންން ޝައުގުވެރި ކޮށްގެން އެމީހުން ބައިވެރިކޮށްގެން ތަމްރީނުކުރާނެ ގޮތްތައް ވެސް ވަނީ ކިޔަވައިދީފައެވެ.

ޕްރޮގްރާމް ނިންމާލުމުގެ ގޮތުން "ޓްރެއިން ދަ ޓްރެއިނާ" ގެ ބައިވެރިން ވަނީ ތަމްރީނެއް މި ޕްރޮގްރާމްގެ އެހެން ބައިވެރިންނަށް ހުށަހަޅައިދީފައެވެ. އަދި އެބޭފުޅުންގެ ހުށަހެޅުންތަށް އިވަލުއޭޓްކޮށް އެންމެ މޮޅަށް ހުޅަހެޅި ބައިވެރިޔާ ވަނީ ހޮވާފައެވެ.

ޕްރޮގްރާމްއަށްފަހު "ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ވިމްގެ އޮފިޝަލެއް ބުނީ "ޓްރެއިން ދަ ޓްރެއިނާ" އިން އާންމުކޮށް ތަމްރީންތައް ދޭ ފަރާތްތަކާއި އަލަށް ތަމްރީން ދިނުމަށް ފަށާ ފަރާތްތަކަށް ވަނީ އާ ކަންތައްތަކެއް ދަސްވެގެން ގޮސްފައެވެ. ހާއްސަކޮށް ބައިވެރިންގެ ކޮންފިޑެންސް ވަނީ މި ޕްރޮގްރާމްގެ ސަބަބުން އިތުރަށް ކުރިއަރައިގެން ގޮސްފައެވެ.

ބައިވެރިންވެސް ވަނީ "ޓްރެއިން ދަ ޓްރެއިނާ" ގެ ސަބަބުން އެބޭފުޅުންނަށް ވެސް ކުރިން ނޭނގޭ ހުނަރުތަކެއް އެނގިގެން ދިޔަކަމަށް މައުލޫމާތު ދީފައެވެ. އަދި "ޓްރެއިން ދަ ޓްރެއިނާ" އިން ލިބުނު މައުލޫމާތުގެ ބޭނުން އެބޭފުޅުންގެ ވަޒީފާގެ މާހައުލުގައި ހިފާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ވމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލް އަގުވާމީ ކުންފުންޏެކެވެ. ވިމްގެ ޗެޕްޓަރ ރާއްޖޭގައި ހުޅުވިގެން ދިޔައީ 2017 ސެޕްޓެމްބަރުގައެވެ. ވިމް އިން ވަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް އެކި މަސައްކަތްތައް ކޮށްފައެވެ. އެގޮތުން މިއަހަރު ބޭއްވި ވިމް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑުގައި އެކި ދާއިރާތަކުން ފާހަގަކުރެވޭ 25 ކަނބަލުންނަށް ވަނީ އެވޯޑު ދީފައެވެ. އަދި އޭގެ ތެރެއިން ފަސް ބޭފުޅުން ވަނީ ބައިނަލްއަގްވާމީ ވިމް އެވޯޑުވެސް ހާސިލްކޮށްފައެވެ.