އައިޖީއެމްއެޗް

ޑެންގޫއަށް ފަރުވާދެމުން އައި ކުއްޖާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ޑެންގޫ ހުންޖެހިގެން ފ. ފީއަލިން ގެނައި ހަ ކުދިންގެ ތެރެއިން ހާލުދެރަވި ކުއްޖާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލައިފިއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުފީދު މިއަދު ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުންދިޔަ އެކުއްޖާ މިއަދު ހެނދުނު 6:30ގައި އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.

މުފީދު ވިދާޅުވީ އިތުރު ފަރުވާއަށް ކުއްޖާ އިންޑިއާއަށް ފޮނުވާލިއިރު ކުއްޖާގެ ހާލު މާލެ ގެނައި އިރަށްވުރެ ރަނގަޅު ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ.

އަދި ކުއްޖާގެ އާއިލާއާ ހަވާލާދެއްވައި މުފީދު ވިދާޅުވީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރި އިރަށްވުރެ ކުއްޖާ ބޭރަށް ފުރުވާލިއިރު، ކުއްޖާގެ ހަރަކާތަށް ބެލުމުން ކުރިއަށްވުރެ ރަނގަޅުކަން ފާހަގަކުރެވުނު ކަމަށެވެ.

ޑެންގޫ ހުން ޖެހިގެން ފީއަލިން ހަކުއްޖަކު މާލެ ގެނައީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ރެއެވެ.

ޑެންގޫ ހުން ޖެހިގެން އައިޖީއެމްއެޗަށް ގެނައި ހަ ކުދީންގެ ތެރެއިން އިތުރު ފަރުވާއަށް އެއް ކުއްޖަކު އިންޑިއާއަށް މިއަދު ފުރުވައިލިއިރު، ދެކުއްޖަކަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ. އަދި އަނެއް ތިން ކުދިންނަށް ފަރުވާ ދެމުން އަންނަ އިރު އެކުދިންގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ފީއަލީގައި ޑެންގޫ ހުން ފެތުރެމުންދާތީ އެރަށުގައި ހުންނަ އަތޮޅު މަދަރުސާ ހަތް ދުވަހަށް ވަނީ ބަންދުކޮށްފައެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ފ. އަތޮޅު މަދަރުސާގެ ލީޑިން ޓީޗަރު އަހުމަދު ޝަރީފު މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ ޑެންގޫ ހުން އުޅޭކަން އެނގުމުން ކުދިން ސުކޫލަށް ފޮނުވަން ބޭނުންނުވާ ބައެއް ބެލެނިވެރީން ވެސް ތިބި ކަމަށާއި އަދި ހުން ޖެހިގެން ނާންނަ ކުދީންވެސް ތިބި ކަމަށެވެ. އެގޮތުން އެވްރެޖުކޮށް ދުވާލަކު 40 އާއި 50އާ ދެމެދުގެ ކުދިން ސުކޫލަށް ނުދާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވިގޮތުގައި ހުން އައިސްގެން ސްކޫލަށް ނުދާ ކުދީންގެ އުމުރަށް ބަލާއިރު އެލްކޭޖީން ފެށިގެން ގްރޭޑް ތިނަކާ ދެމެދުގެ ކުދިން ހިމެނެއެވެ. އޭގެ ތެރޭގައި ގިނައީ ހަ އަހަރުން ދަށުގެ ކުދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މިހާތަނަށް ޑެންގޫ ހުމަށް 13 ކުއްޖަކު ޕޮޒިޓިވްވިކަމުގެ މައުލޫމާތު ލިބިފައިވަޑައިގެންފައިވާ ކަމަށެވެ.