އިބްރާހިމް ޒަކީ
ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވި މައްސަލައާ ގުޅިގެން، ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންގި ކަންކަން ފުރިހަމަކޮށް އެފަރާތްތަކަށް ދައުވާކުރަން އަލުން ޕީޖީ އޮފީހަށް ފިނުވައިފިއެވެ.
މިމައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވިއިރު، މިމައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަށް އިތުރު ދައުވާތަކެއް ކޮށްދިނުމަށް ވަނީ އެދިފަ އެވެ.
އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާ ގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަ ކޮށް، މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަތަކުގެ މައްޗަށް ގާނޫނު ނަންބަރު: 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު) 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ވަނީ އެދިފަ އެވެ.
14 އޮކްޓޫބަރު 2020 ގައި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 މީހުންނަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނެސްފައެއް ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައި ވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެ ތެރެއިން ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާ ކަން ފާހަގަކުރެވިފައި ނުވާ ކަމަށާއި މިމައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކަށް ނުވަތަ އެފަދަ ފަރާތަކާ ގުޅުން ހުރި ފަރާތަކަށް، މި މައްސަލައާ ގުޅުންހުރި އެއްވެސް ފައިސާއެއް ލިބިފައިވޭތޯ ބެލުމަށް އަދިވެސް އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ، އެ މައްސަލައެއްގެ ތަހުޤީގު ވަކިން ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ، އޭސީސީ އާއި ދިވެހި ފުލުހުންގެ ހިދުމަތާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިން ކަމަށް އޭސީސީން ބުނެ އެވެ.