ވިމް "ރަން ވިތް އަސް 2019" ގެ ޕާޓްނަރުންނާ އެކީ ސޮއިކޮށްފިއެވެ.
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްއިން އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާ "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގެ ޕާޓްނަރުންނާ އެކީ ސޮއިކޮށްފައިވަނީ އުނިމާ ގްރޭންޑް ގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެެއްގައެވެ.
ވިމް "ރަން ވިތް އަސް 2019"ގެ ޕާޓްނަރުންނާއެކީ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރު އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސެސް ޝިދާތާ ޝަރީފެވެ.
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ މިއަހަރުގެ ރަންއަށް ސަރުކާރުގެ މިނިސްޓްރީ ތަކާއި އެހެން އިދާރާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަކަން ވިމް އިން ފާހަގަކުރެ އެވެ. އެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް އަދި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިތުރުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން "ރަން ވިތް އަސް 2019" އެންޑޯސް ކޮށްފައިވާކަން ވިމް އިންވަނީ ފާހަގަ ކޮށްފައެވެ.
ވިމް "ރަން ވިތް އަސް 2019"ގެ ޕްލެޓިނަމް ސްޕޮންސަރަކީ ކޮކޯ ޝީކް އެވެ. އަދި ގޯލްޑް ސްޕޮންސަރުންގެ ގޮތުގައި ވީބީ ބްރާދާސް ވަނީ ހަމަޖައްސައިފައެވެ. ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި މިއަހަރުވަނީ ލައިފް ސަޕޯރޓްގެ އިތުރުން ހެމާސް ހަމަޖައްސައިފައެވެ.
"ރަން ވިތް އަސް 2019"ގެ ހޯސްޓިން ޕާޓްނަރަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. މިއަހަރުގެ ރަންގެ މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލް އެވެ. އަދި ވެލްނެސް ޕާޓްނަރުގެ ގޮތުގައި ވެލްނެސް ސެންޓަރ ބައި ނިޝީ ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން މިއަހަރުގެ ރަންގެ ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލެބް އެވެ.
ވިމް "ރަން ވިތް އަސް 2019"ގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ގާލްގައިޑް އެސޯސިއޭޝަންގެ އިތުރުން އުނިމާ ގްރޭންޑް ވަނީ ހަމަޖައްސައިފައެވެ.
އޭގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފުން ވެސް މި ހަރަކާތަށް ފުރިހަމަ އެއްބާރުލެއްވުން ދެވަމުން ގެންދަވާ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ވިމްއިން ބުންޏެވެ.
"ރަން ވިތް އަސް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ވިމް އިން މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް"ގައި 5000އަށް ވުރެ ގިނަ އަންހެނުން ވަނީ ބައިވެރިވެފައެވެ. އެއީ މިހާތަނަށް ރާއްޖޭގައި ހަމަ އެކަނި އަންހެނުން ބައިވެރިވެގެން ބެއްވި އެންމެ ބޮޑު ދުވުން ކަމަށް ވިމް އިން ފާހަގަކުރެ އެވެ.
ވިމް އިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ ދުވުމަކީވެސް 3.75 ކިލޯމީޓަރުގެ ދުވުމެކެވެ. ކޮންމެ ކިލޯ މީޓަރަކުން އޮބްސްޓަކަލްއަކާ ކުރިމަތިވާނެއެވެ. ދުވުމުގެ ބައިވެރިން އެބައިވެރިޔަކު އިހްތިޔާރު ކުރާ ގޮތަކަށް އޮބްސްޓަކަލް ފުރިހަމަ ކުރެވޭނެއެވެ. މިއަހަރުގެ އޮބްސްޓަކަލްތަކަކީ ވެސް މިދިޔަ އަހަރެކޭ އެއްފަދައިން ފަސޭހަ އޮބްސްޓަކަލް ތަކަކަށް ވާނެ ކަމަށް ވިމް އިން ބުންޏެވެ.
މި ދުވުމަކީ އަންހެނުންނަށް ހާއްސަ ދުވުމެއް ކަމަށާއި ހުރިހާ އުމުރު ފުރައަކާ ގުޅޭ ގޮތަށް ބައްޓަންކޮށްފައިވާ ދުވުމެއްކަމަށް ވެސް ވިމް އިން ބުނެެއެވެ.
ވިމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެކެވެ. ވިމްގެ ޗެޕްޓަރ ރާއްޖޭގައި ހުޅުވީ 2017 ސެޕްޓެމްބަރުގައެވެ. ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.