މުހައްމަދު އައުޒަމް
7000 އަށް ވުރެ ގިނަ ކަނބަލުންނާ އެކު، ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019" ރާއްޖޭގައި ހަމަ އެކަނި އަންހެނުން ބައިވެރިވެގެން ބޭއްވި ދުވުމުގެ ރެކޯޑު ގާއިމްކޮށްފި އެވެ.
ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019" ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރު އޮފް އާޓްސް ކަލްޗާރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އާއި މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފްއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް)އިން އިންތިޒާމުކޮށްގެން މިދިޔަ އަހަރު ބޭއްވި އޮބްސްޓިކަލް ރަން ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2018" ވެސް ވެގެން ގޮސްފައި ވަނީ ރެކޯޑަކަށެވެ. މިދިޔަ އަހަރުގެ ރަންގައި 5000 އަށްވުރެ ގިނަ ކަނބަލުން ބައިވެރިވެފައިވެ އެވެ.
މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ރަން އަކީވެސް އޮބްސްޓިކަލް ރަން އެކެވެ. ކޮކޯ ޝީކް "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގެ އޮބްސްޓަކަލްތައް ހާއްސަކޮށްފައިވަނީ މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ބެލެންސް ފޯ ބެޓަރ ލައިފް"އާ ގުޅޭ ގޮތަށެވެ. 3.75 ކިލޯ މީޓަރުގެ މިދުވުމުގެ ކޮންމެ ކިލޯމީޓަރެއް ކަޑައްތު ކުރާއިރު އޮބްސްޓިކަލްއެއް ގިރާ ކުރަން ޖެހެއެވެ.
ހަމައެކަނި ކަނބަލުންނަށް ދުވެވޭ ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގައި މިއަހަރު އުމުރުން ދެމަހުން ފެށިގެން 67 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކަނބަލުން ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ ރަންއަށް ސަރުކާރުގެ މިނިސްޓްރީތަކާއި އެހެން އިދާރާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ވިމް އިން ފާހަގަކުރެ އެވެ. އެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިތުރުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން ވަނީ ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019" އެންޑޯސް ކޮށްފައެވެ.
"ރަން ވިތް އަސް 2019"ގެ ޕްލެޓިނަމް ސްޕޮންސަރަކީ ކޮކޯ ޝީކް އެވެ. ސިލްވަރ ސްޕޮންސަރުންނަކީ ލައިފް ސަޕޯރޓް، އެލިޔާ އިންވެސްޓްމަންޓް، ކުމާރިކާ ހެޔާ ޕްރޮޑަކްޓްސް އަދި އެފްއެސްއެމްއެވެ. ސްޓައިލް ޕާޓްނަރަކީ ނޯޓް ކޮސްމެޓިކްސްއެވެ. ނިއުޓްރިޝަން ޕާޓްނަރަކީ ކެލޮގްސް ބްރޭންޑްއެވެ.
ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ހޯސްޓިން ޕާޓްނަރަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. މިއަހަރުގެ ރަންގެ މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލް އެވެ. އަދި ވެލްނެސް ޕާޓްނަރުގެ ގޮތުގައި ވެލްނެސް ސެންޓަރ ބައި ނިޝީ ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން މިއަހަރުގެ ރަންގެ ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލެބް އެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ހާފްކޯޓްސްއެވެ. ބެވަރޭޖް ޕާޓްނަރަކީ މިނިޓްމެއިޑެވެ.
ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ގާލްގައިޑް އެސޯސިއޭޝަންގެ އިތުރުން އުނިމާ ގްރޭންޑް ވަނީ ހަމަޖައްސައިފައެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފުން ވެސް މި ހަރަކާތަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާފައިވާކަމަށާއި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ވިމްއިން ބުންޏެވެ.
އަންނަ އަހަރު ބާއްވާ "ރަން ވިތް އަސް 2020" މިއަށްވުރެ ވެސް ގިނަ ބައިވެރީންނާ އެކު މިފަހަރަށް ވުރެ ވެސް ފުރިހަމަކަމާ އެކު ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް ވިމްއިން ބުނެ އެވެ.
ވިމް އިން ބުނީ މި ރަންގައި މިހާ ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވުމުން ދައްކައިދެނީ އަންހެނުން ބާރުވެރިކުރުވުމާއި ހަމަހަމަ ފުރުސަތުތައް ހޯދުމަށް އަންހެނުން އެދޭ މިންވަރު ކަމަށެވެ.
"އަންހެނުންގެ ދުވަހުގެ މި ފަހަރުގެ ޝިއާރަކީ "ބެލެންސް ފޮރ ބެޓާ ލައިފް"، މާނަ އަކީ ރަނގަޅު އަދި ހަރުދަނާ ހަޔާތަކަށް ޓަކައި، ހަމަހަމަ ފުރުސަތުތައް ކޮންމެހެންވެސް މުހިންމޭ. މި ދުވުމުގައި އެތައް ހާސް ކަނބަލުންބައިވެރިވަޑައިގެން އެ ދެއްވި މެސެޖަކީ އެ ކަނބަލުންނަށް ލިބެން ޖެހޭ ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދެއްވާށޭ. ދުވުމުގައި ބައިވެރިވެވަޑައިގެން ހުރިހާ ކަނބަލުންނަށް އަޅުގަނޑުމެން ވިމްގެ ނަމުގައި ޝުކުރު އަދާކުރަން." ވިމްގެ ރާއްޖޭގެ ގޮފީގެ ރައީސާ މިންހާ ފާއިޒް ރަޝާދު ވިދާޅުވި އެވެ.
ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.