އަންހެނުން

އަންހެނުންނަށް ބާއްވާ ރާއްޖޭގެ އެންމެބޮޑު ދުވުން، "ރަން ވިތު އަސް 2020"ގައި ބައިވެރިވުމަށް ހުޅުވާލައިފި

މުހައްމަދު އައުޒަމް

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް) އިން އިންތިޒާމުކުރާ އަންހެނުންގެ ދުވަހުގެ ހާއްސަ އޮބްސްޓަކަލް ދުވުން "ރަން ވިތު އަސް 2020"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ މާޗް މަހުގެ 20 ވާ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ "ރަން ވިތު އަސް 2020" އޮބްސްޓަކަލް ދުވުމުގެ އޮބްސްޓަކަލްތައް ހާއްސަކޮށްފައި ވަނީ މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "އީޗް ފޯ އީކުއަލް"އާ ގުޅޭ ގޮތަށް ކަމަށް ވިމްއެމްވީ އިން މައުލޫމާތު ދެއެވެ.

މިއީ ވިމް އިން އަންހެނުންގެ ދުވަހުގެ ހާއްސަ އޮބްސްޓަކަލް ދުވުން "ރަން ވިތު އަސް" ބާއްވާ ތިންވަނަ އަހަރެވެ.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ ދުވުމަކީވެސް 3.75 ކިލޯމީޓަރުގެ ދުވުމެކެވެ. ކޮންމެ ކިލޯ މީޓަރަކުން އޮބްސްޓަކަލްއަކާ ކުރިމަތި ވާނެއެވެ. އަދި ދުވުމުގެ ބައިވެރިން އެބައިވެރިޔަކު އިހުތިޔާރު ކުރާ ގޮތަކަށް އޮބްސްޓަކަލް ފުރިހަމަ ކުރެވޭނެއެވެ. ވިމް އިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ އޮބްސްޓަކަލް ތަކަކީ މިދިޔަ އަހަރެކޭވެސް އެއްފަދައިން ފަސޭހަ އޮބްސްޓަކަލް ތަކަކަށް ވާނެއެވެ.

ވިމް އިން އިތުރަށް ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން "ރަން ވިތު އަސް 2020"ގައި ވެސް ދުވެވޭނީ ހަމައެކަނި އަންހެން ބޭފުޅުންނަށް ކަމަށެވެ. އަދި މިއަހަރުވެސް މި ދުވުން ވަކި އުމުރުފުރަޔަކަށް ހާއްސަ ކޮށްފައި ނުވާ ކަމަށް ވިމް އިން މައުލޫމާތު ދެއެވެ.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އިން މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އޮބްސްޓަކަލް ދުވުން "ރަން ވިތު އަސް 2019"ގައި 7000 އަށް ވުރެ ގިނަ އަންހެނުން ވަނީ ބައިވެރިވެފައެވެ. އެއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަންހެނުން ބައިވެރިވި ދުވުން ކަމުގައި ވިމް އިން ފާހަގަ ކުރެއެވެ.

"ރަން ވިތު އަސް 2020"ގެ މައުލޫމަތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ވިމްގެ ހޮޓްލައިން 7946687 އިން މައުލޫމާތު ލިބޭނެއެވެ.

ވިމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެކެވެ. ވިމްގެ ޗެޕްޓަރ ރާއްޖޭގައި ހުޅުވީ 2017 ސެޕްޓެމްބަރުގައެވެ. ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.