އެންޓި ކޮރަޕްޝަން ކޮމިޝަން

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން ހުއްޓާލުމަށް އޭސީސީން އަންގައިފި

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ސޮއިކުރައްވައި ހައުސިން މިނިސްޓަރު ޑ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވަނީ އަންގަވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމަށް ނިންމާފައިވާ ނިންމުން ވަގުތީގޮތުން މެދުކަނޑާލުމަށެވެ.

އެ ސިޓީގައި ގޯތި ދޫކުރުމަށް ނިންމައި، ހައުސިން މިނިސްޓްރީން ހުޅުވާލި ފުރުސަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތައް ބެލިބެލުމުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއި، އަދި ކޮރަޕްޝަނަށް މަހުފަހުވާ ފަދަ ކަންތައްތަކެއް ތުހުމަތު ކުރެވިފައިވާތީ އޭސީސީން އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

އޭސީސީން ވަގުތީ ގޮތުން އެކަން މެދުކަނޑާލަން ހައުސިން މިނިސްޓްރީއަށް އަންގާފައިވަނީ އެ މައްސަލަ ބަލައި އޭސީސީން ވަކި އެއްޗެއް އަންގަންދެނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވަނީ 400 ގޯއްޗެވެ. މާލޭގެ ރައްޔިތުންގެ ތެރެއިން ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވާ މީހުންނަށް ގޯއްޗަށް ކުރިމަތިލުމަށް މިއަދު ހަވީރު 4:30 އިން ފެށިގެން ހުޅުމާލެއިން ގޯތި ބޭނުންވާ މީހުންނަށް ފޯމު ދޫކުރުމަށް ވަނީ ނިންމައިފައެވެ.

މުއިއްޒު ވިދާޅުވީ އެ ގޯތިތައް ދޫކުރާނީ 400،000 ރުފިޔާއަށް ބިމެއް ކަމަށާއި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށްފަހު ބަކީ ފައިސާ ދިހަ އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރެވޭނެ ކަމަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތަކަށްވުން ނުވަތަ ދަފްތަރުގައި ޖެހިފައިވުމާއި ކައިވެންޏެއް ކޮށްގެން އުޅުމާއި 600 އަކަފޫޓުގެ ގޯއްޗެއް ނުވަތަ ފްލެޓެއް ނެތް މީހަކަށްވުން އަދި ސަރުކާރުގެ ބޯހިޔާވެހިކަމުގެ އެއްވެސް މަޝްރޫއަކުން ބޯހިޔާވެރިކަމެއް ލިބިފައި ނެތް މީހަކަށްވުން ހިމެނެއެވެ.

މި ސަރުކާރުން ގޯތި ވިއްކުމަށް ނިންމާފައި މިވަނީ ދައުލަތުގެ ބިންތައް ނުވިއްކުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވަމުން ގެންދަވަނިކޮށެވެ.