އެމެރިކާގައި އިންސާނެއްގެ ހަށިގަނޑަށް އޫރެއްގެ ކިޑްނީއެއް ލައްވައިގެން ކުރި ފުރަތަމަ ތަހުލީލު ކާމިޔާބުކޮށްފިއެވެ.
މި އޮޕަރޭޝަން ކުރެވުނީ ސިކުނޑި މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑަށް އޫރުގެ ކިޑްނީއެއް ލައްވައިގެންނެވެ. އޮޕަރޭޝަނުގައި ބޭނުންކޮށްފައިވާ އޫރަކީ އޭގެ ގުނަވަނެއް އިންސާނާގެ ހަށިގަނޑުން ބަލައިގަތުމަށް ދެކޮޅު ނެހެދޭނެހެން ޖެނެޓިކަލީ ބަދަލުގެނެވިފައިވާ އޫރެކެވެ. މިކަމުގައި އަދި އިތުރަށް ދިރާސާކޮށް ބަލަން ޖެހޭ ކަންކަން ހުރި ނަމަވެސް މި އޮޕަރޭޝަނަކީ ކާމިޔާބު އަދި އެތައް ބަޔަކަށް އުއްމީދު އާ ކުރުވާފައިވާ ކުރިއެރުމެއް ކަމުގައި ޑޮކްޓަރުން ފާހަގަކުރެއެވެ.
އޫރުގެ ގުނަވަންތައް އިންސާނުންގެ ހަށިގަނޑުގައި ބޭނުންކުރުމަށް ޓެސްޓު ކުރެވުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ހިތުގެ އޮޕަރޭޝަންތަކުގައި އޫރުގެ ހިތުގެ ނާރުތައް ކޮންމެވެސް ވަރަކަށް ބޭނުންކުރަމުން ވަނީ އައިސްފައެވެ.
ނިއުޔޯކު ޔުނިވާސިޓީގެ ލަންގޯން ހެލްތު މެޑިކަލް ސެންޓަރުގައި ކުރިއަށްދިޔަ ދެ ގަޑިއިރަށްވުރެ ދިގު އޮޕަރޭޝަނުގައި ޑޮކްޓަރުން ވަނީ އޫރުގެ ކިޑްނީގެ ލޭ ހޮޅިތައް ސިކުނޑި މަރުވެފައިވާ އިންސާނާގެ ހަށިގަނޑާއި ގުޅުވައި ލޭ ދައުރުވޭތޯ ބަލައިފައެވެ. އަދި އޮޕަރޭޝަނަށްފަހު ދެ ދުވަަސްވަންދެން ގާތުން ބަލަމުން އައިސް ތަހުލީލުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރި ވި ޑރ. ރޮބާޓް މޮންޓްގޮމެރީ ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި އޮޕަރޭޝަނަށްފަހު އިންސާނާގެ ހަށިގަނޑުގައި ކިޑްނީ ރަނގަޅަށް މަސައްކަތްކުރަން ފަށާފައިވާކަން ހާމަކޮށްފައެވެ.
މި އޮޕަރޭޝަނުގައި ބޭނުންކު ރި ބަލި މީހާއަކީ ގުނަވަންތައް ހަދިޔާކުރަން މީގެ ކުރިން އެއްބަސްވެފައިވާ މީހެއް ކަމަށާއި އޭނާގެ އާއިލާއިން މި ސާޖަރީ ކުރިއަށް ގެންދިއުމަށް ވަނީ ރުހުން ދީފައެވެ. އެފްޑީއޭ އިން އިން ވަނީ މިފަދަ ދިރާސާތައް ކުރުމަށް ޖެނެޓިކަލީ ބަދަލުގެނެވިފައިވާ އޫރުގެ ގުނަވަންތައް ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.
ޑރ. މޮންޓްގޮމެރީ ވަނީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިންސާނުންގެ ގުނަވަންތައް ބަދަލުކުރުމުގައި އޫރުގެ ހިތާއި މެއާއި ފުރަމޭ ފަދަ ގުނަވަންތައް ކުރިއަށް އޮތް ތަނުގައި ބޭނުން ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވެފަ އެވެ.
އިނގިރޭސިވިލާތުގެ އެންއެޗްއެސްގެ ކިޑްނީ ކުލިނިކެއްގައި މަސައްކަތްކުރަމުން އަންނަ ޑރ. މަރިޔަމް ހުސްރަވީ ބުނީ ޖަނަވާރުންގެ ގުނަވަންތައް އިންސާނުންގެ ހަށިގަނޑަށް ބަދަލުކުރުމާއި ގުޅޭ ހޯދުންތައް ދިރާސާކުރެވެމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އަދި އެކަން އިތުރު ހަރުފަތަކަށް ގެންގޮސްފައިވާތަން ފެނުމުން އުފާކުރާ ކަމަށެވެ. ނަމަވެސް އެއީ ކުރެވިދާނެ ކަމެއްކަން ސާބިތުކުރެވިފައިވީ ނަމަވެސް އެކަން ކުރުމަށް އާއްމުންގެ ރުހުން ހޯދުން މުހިއްމުކަމުގައި އޭނާ ފާހަގަކުރެއެވެ.