ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މިއަދު ގިރިފުށީގައިި ބޭއްވި މި ރަސްމިއްޔާތަކީ ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު ސިފައިންގެ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވަނީ ކޯހުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފައެވެ. މިކޯހުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަހުމަދު ޝައިހާން ޖަލީލެވެ. މީގެ އިތުރުން އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ޕްރައިވެޓް އަހުމަދު ހިޝާމް ހާސިލްކޮށްފައިވާއިރު ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށްދޭ ކޮމާންޑަރ އިސްމާއީލް ދީދީގެ އެވޯޑްވެސް ހާސިލް ކޮށްފައިވަނީ ޕްރައިވެޓް އަހުމަދު ހިޝާމެވެ. މީގެ އިތުރުން މި ހަފުލާގައި ވަނީ ވަކި ވަކި ޕްލެޓޫން ތަކުން އެއްވަނަ ހާސިލްކުރި ދަރިވަރުންނަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފައެވެ. މިކޯހުގެ އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް އައިޝަތު ޝަހުމާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ ދަސްވެނިވި ސިފައިންނަށް ތަހުނިޔާ ދަންނަވައިފައެވެ. މީގެ އިތުރުން ސިފައިން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް މާރިޔާ ވަނީ ސިފައިންނަށް ޝުކުރު ދަންނަވައިފައެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ދަސްވެނިވެގެން ސިފައިން އަމަލީ މައިދާނަށް ނުކުންނަ އިރު، ސިފައިންގެ މީހަކަށް ވުމަށް ކުރި ހުވާގެ މަތިން އަބަދުމެ ހަނދާން ބެހެއްޓުމަށް އެންމެހާ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ފަސްނުޖެހި ސިފައިންގެ ހުވައިން މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ދެމި ތިބުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ހުވަޔަކަށް ފަހު ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ދަސްވެނިވި ދަރިވަރުންގެ އަމާޒަކަށް ވާންވާނީ މުސްތަގުބަލުގައި ސިފައިންގޭގެ އިސް މަގާމުތަކުން ފެނުން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. މީގެ އިތުރުން މާރިޔާ ވަނީ ސިފައިންގެ ހުވަޔަކީ ވަކި ޔުނީފޯމެއްގެ ދަށުން އަދާކުރަން ޖެހޭ ޒިންމާއެއް ނޫންކަމަށް ވިދާޅުވެ، ސިފައިންނަކީ ގައުމަށް ހިދުމަތްތެރި މަސައްކަތެއް ކުރަންޖެހޭ ބައެއްކަން ފާހަގަ ކުރައްވައިފައެވެ.
ޖުމްލަ 125 ދަރިވަރުން 64 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް މިއަދު ދަސްވެނިވެފައި ވެއެވެ. އެއީ 111 ފިރިހެން ސިފައިންނާއި 14 އަންހެން ސިފައިންނެވެ.