ހިޔާނާތުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒިޔަތު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުންނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ކަރެކްޝަނުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ޒިޔަތަށް ހުކުމްކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ތެރެއިން ހިނގައިދިޔަ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރެއިން ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެގެންނެވެ. މީގެ އިތުރުންވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ޒިޔަތުގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް އުފުލައިފައެވެ.
ޒިޔަތުގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށްވެސް ވަނީ އެކި ތުހުމަތުކޮށްފައެވެ. މިހާރުވެސް ޖަލު ހުކުމެއްގައި ހުންނެވި އަދީބު ވަނީ ގޭބަންދަށް ބަދަލު ކުރުމަށް ފަހު ކޯޓު އަމުރުގެ ދަށުން އަލުން ޖަލަށް ގެންދެވިފައެވެ.