އައިޖީއެމްއެޗް

ފީއަލީގައި މިއަދު އިތުރު ދެކުއްޖަކު ޑެންގޫއަށް ޕޮޒިޓިވްވެ، އަތޮޅު މަދަރުސާ ބަންދުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

1

ފ. ފީއަލީގައި މިއަދު އިތުރު ދެކުއްޖަކު ޑެންގޫއަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށުގައި ހުންނަ ފ.އަތޮޅު އަތޮޅު މަދަރުސާ ބަންދު ކޮށްފި އެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފ.އަތޮޅު އަތޮޅު މަދަރުސާގެ ލީޑިން ޓީޗަރު އަހުމަދު ޝަރީފު ވިދާޅުވީ ރަށުތެރޭގައި، ޑެންގޫ ހުން ފެތުރެމުންދާތީ މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް އަތޮޅު މަދަރުސާ ބަންދުކޮށްފައިވާކަމަށެވެ.

ޝަރީފު ވިދާޅުވީ މިއަދު ދެކުއްޖަކު ޑެންގޫއަށް ޕޮޒިޓިވް ވެފައިވާކަމަށާއި އިތުރަށް ހުން ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ މަޝްވަރާގެ ދަށުން ސްކޫލުގެ ކިޔެވުން މެދު ކަނޑާލަން ނިންމީ ކަމަށެވެ.

ޝަރީފު ވިދާޅުވީ އާދަޔާ ޚިލާފަށް ސްކޫލަށް ކުދިން އައުން މަދުވާކަން ފާހަގަކުރެވުނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ.

އެދުވަހު ސިއްހީ މަރުކަޒުގެ އިސްވެރިންނާ މަޝްވަރާ ކުރެވުނު ކަމަށާއި ސިއްހީ މަރުކަޒުގެ އިސްވެރިންނާ ވާހަކަދެއްކި އިރު ހުން އައިސްގެން ފަސް ކުދިން އެދުވަހު ސުކޫލަށް ނުދާކަމަށް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑެންގޫ ހުން އުޅޭކަން އެނގުމުން ކުދިން ސުކޫލަށް ފޮނުވަން ބޭނުންނުވާ ބައެއް ބެލެނިވެރިން ވެސް ތިބި ކަމަށާއި އަދި ހުން ޖެހިގެން ނާންނަ ކުދިންވެސް ތިބި ކަމަށެވެ. އެގޮތުން އެވްރެޖުކޮށް ދުވާލަކު 40 އާ 50 އާ ދެމެދުގެ ކުދިން ސުކޫލަށް ނުދާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވިގޮތުގައި ހުން އައިސްގެން ސްކޫލަށް ނުދާ ކުދިންގެ އުމުރަށް ބަލާއިރު އެލްކޭޖީން ފެށިގެން ގްރޭޑް 3 އާ ދެމެދުގެ ކުދިން ހިމެނެއެވެ. އޭގެ ތެރޭގައި ގިނައީ ހަ އަހަރުން ދަށުގެ ކުދިންކަމަށް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މިހާތަނަށް ޑެންގޫ ހުމަށް 13 ކުއްޖަކު ޕޮޒިޓިވްވިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

ފީއަލީ ސިއްހީމަރުކަޒުން ވެސް ވަނީ، މިއަދު ދެކުއްޖަކު ޑެންގޫ އަށް ޕޮޒިޓިވް ވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އޭގެ ތެރެއިން އެއްކުއްޖަކީ ހުން އައިސްގެން މީގެކުރިން ދެއްކި ކުއްޖެއްކަމަށާއި ނަމަވެސް އެކުއްޖާއަކީ ނޯމަލް ކަމަށް ވިދާޅުވެ ޑޮކްޓަރު ދޫކޮށްލި ކުއްޖެއް ކަމަށް ބުނެފައިވެއެވެ.

ފީއަލިން ''ވަންއޮންލައިން'' އަށް މައުލޫމާތުދިން މީހަކު ބުނިގޮތުގައި ޑެންގޫ ހުން ފެތުރެމުންދާތާ ގާތްގަނޑަކަށް މަހެއްހާ ދުވަސްވެއްޖެއެވެ.

އަދި މިހާތަނަށް ޑެންގޫއަށް ޕޮޒިޓިވްވެގެން 13 ކުއްޖަކު މާލެ ގެނެސްފައިވާ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން ރޭ ގެނައި ހަ ކުދިންގެ އިތުރުން އެކި ފަހަރު މަތިން ހަތް ކުއްޖަކު މާލެ ގެނެސްފައިވާކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި ގިނައީ އަމިއްލަގޮތުން މާލެ އައި ކުދިން ކަމަށް ވެސް ބުނެފައިވެއެވެ.

ފީއަލިން ޑެންގޫ ހުންޖެހިގެން ރޭ މާލެ ގެނައި ހަ ކުދިންގެ ތެރެއިން އެއްކުއްޖެއްގެ ހާލު ސީރިއަސްވެ، ރާއްޖޭން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުފީދު ވިދާޅުވީ ޑެންގޫ ހުން ޖެހިގެން ރޭ އިރާކޮޅުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެނައި ހަ ކުދިންގެ ތެރެއިން ދެ ކުއްޖަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ.

އަދި ތިން ކުއްޖަކަށް ވޯޑުގައި ފަރުވާ ދެމުންދާއިރު، އެއްކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުންދާކަމަށާއި އައިސީޔޫގައި އޮތް ކުއްޖާގެ ހާލު ސީރިއަސް ވުމުން ރާއްޖެއިން ބޭރަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މުފީދު ވިދާޅުވިއެވެ.

ފީއަލިން ޑެންގޫހުން ޖެހިގެން ހަ ކުދިން މާލެ ގެނެސްފައިވަނީ ރޭ 21:40 އެހާކަށްހާއިރު، ސީއެމްބިއުލެންސްގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟