އެންޓި ކޮރަޕްޝަން ކޮމިޝަން

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކާ މައްސަލަ އޭސީސީން ބަލަނީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އިއުލާން ކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން މިއަދު ނިންމާފައިވުމާއެކު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އެކަމަށް ގޮތެއް ނިންމާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވަނީ 400 ގޯއްޗެވެ. މާލޭގެ ރައްޔިތުންގެ ތެރެއިން ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވާ މީހުންނަށް ގޯއްޗަށް ކުރިމަތިލުމަށް މިއަދު ހަވީރު 4:30 އިން ފެށިގެން ހުޅުމާލެއިން ގޯތި ބޭނުންވާ މީހުންނަށް ފޯމު ދޫކުރުމަށް ވަނީ ނިންމައިފައެވެ.

މުއިއްޒު ވިދާޅުވީ އެ ގޯތިތައް ދޫކުރާނީ 400،000 ރުފިޔާއަށް ބިމެއް ކަމަށާއި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށްފަހު ބަކީ ފައިސާ ދިހަ އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރެވޭނެ ކަމަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތަކަށްވުން ނުވަތަ ދަފްތަރުގައި ޖެހިފައިވުމާއި ކައިވެންޏެއް ކޮށްގެން އުޅުމާއި 600 އަކަފޫޓުގެ ގޯއްޗެއް ނުވަތަ ފްލެޓެއް ނެތް މީހަކަށްވުން އަދި ސަރުކާރުގެ ބޯހިޔާވެހިކަމުގެ އެއްވެސް މަޝްރޫއަކުން ބޯހިޔާވެރިކަމެއް ލިބިފައި ނެތް މީހަކަށްވުން ހިމެނެއެވެ.

މި ސަރުކާރުން ގޯތި ވިއްކުމަށް ނިންމާފައި މިވަނީ ދައުލަތުގެ ބިންތައް ނުވިއްކުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވަމުން ގެންދަވަނިކޮށެވެ.