އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ވަން އެކައުންޓުތަކުގެ ވެރިފަރާތުގެ ނަންތައް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރީން ހާމަކުރުމަށް ގޮވާލައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.
އެފަދަ މުޒާހަރާއަކަށް ތައްޔާރު ވަމުން އަންނަކަން އިއުލާނުކޮށްފައި ވަނީ މަޝްހޫރު ގާނޫނީ ވަކީލާ އަދި އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސްޓޭޓް ކައުންސެލް މަރިޔަމް ޝުނާނާ ރޭ ކުރެއްވި ޓުވީޓެއްގައެވެ.
ޝުނާނާގެ ޓުވީޓާ އެކު ހިމަނުއްވާފައިވާ ފޮޓޯއެއްގައިވާ ގޮތުގައި، "ހާމަކުރާށޭ"ގެ ނަމުގައި ބާއްވާ އެ މުޒާހަރާ އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
"ކޮރަޕްޝަން ފައިސާ ވަން އެކައުންޓުތަކުގެ ވެރިފަރާތްތައް މަޖިލިސް އިންތިޚާބުގެ ކުރީން ހާމަކުރުމަށް ގޮވާލައި މުޒާހަރާއަށް ތައްޔާރުވަނީ. ތިބޭފުޅާގެ ޑިއުޓީ އަދާކުރައްވާ! ޚިޔާނާތާ ދެކޮޅަށް ތެދުވެވަޑައިގަންނަވާ!" ޝުނާނާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ވަން އެކައުންޓުތައް މަޖިލިސް އިންތިޚާބުގެ ކުރީން ހާމަކުރުމަށް ގޮވާލައި ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނަ އިރު، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ވެސް އެފައިސާ ވަދެފައިވާ ކަމުގެ ތުހުމަތު އަންނަނީ ކުރަމުންނެވެ. އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އަނެއްކާވެސް އަންނަނީ ކެމްޕޭން ކުރަމުންނެވެ.
"ވަން އޮންލައިން"އަށް ދެއްވި އިންޓިވިއުއެއްގައި ޝުނާނާ މިއަދު ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އެކައުންޓަށް ޚިޔާނާތުގެ ފައިސާ ވަދެފައިވާ ނަމަ އެކަން ހާމަ ނުކުރެވެންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އެއީ ރައްޔިތުންގެ ފައިސާ ކަމަށާއި މި ވަގުތަކީ އެކަން ހާމަކުރުން އެންމެ މުހިންމު އަދި މުނާސަބު ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އެ ދަނީ މަޖިލީހަށް ކެމްޕޭން ކުރަމުން. އަލަށް ކުރިމަތިލީ މީހުންނަށް ވޯޓުދޭ ރައްޔިތުންނަށް ވެސް އެނގެން އެބަ ޖެހޭ އޭނާ ވޯޓު އެދެނީ ކްލީން މީހަކަށްކަން. އެ ކެންޑިޑޭޓަކީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެފައި ހުރި މީހެއްކަން ނުވަތަ ނޫންކަން. އެ ކަން އެނގުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ހައްގެއް." ޝުނާނާ ވިދާޅުވި އެވެ.
ޝުނާނާ ވިދާޅުވީ މަޖިލީހަށް ހޮވުމުން އެ މީހުންގެ މައްޗަށް ދައުވާ ކުރުމާއި މައްސަލަ ބެލުން އޮންނާނީ އުނދަގޫ ކަމަށް ވެފައި ކަމަށާއި އޭރުން އެކަން ވުމަށް ވުރެ ނުވުން ގާތް ކަމަށެވެ.
"އޭރުން އެމީހުން ތިބޭނީ ޕަވަރގަ. މައްސަލައެއް ނުބެލޭނެ. އެއަށްވުރެ އެމީހުންގެ ބާރު މާގަދަ ވާނެ. މީ އެކަން ހާމަކުރާން ޖެހޭ ވަގުތު." ޝުނާނާ ވިދާޅުވި އެވެ.
ޝުނާނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިސްލާހުކުރުމުގެ މަސައްކަތުގެ މުހިންމުކަމުގެ ވާހަކަ އެންމެން ވެސް އަންނަނީ ދައްކަމުން ކަމަށާއި އެހެން ނަމަވެސް އަމަލީ ގޮތުން އެކަން ކުރެވޭނީ އަޅާން ޖެހޭ ފިޔަވަޅުތައް ދެފުށް ފެންނަ ގޮތަށް އަޅައިގެން ކަމަށެވެ.