ހައިޓީ ގެ ވެރިރަށް "ޕޯޓް އައު ޕޮރިންސް" އަށް 5.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
"ޕޯޓް އައު ޕޮރިންސް" ގެ އުތުރު އައްސޭރިފަށުގެ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގެ އަސަރު 12 މޭލަށް ކުރިކަމަށް އެގައުމުގެ މީޑިއައިން މައުލޫމާތު ދެއެވެ.
ޖޯގްރަފީގޮތުން ހައިޓީ އޮންނަ ސަރަހައްދަކީ ބިންހެލުން އާންމު ސަރަހައްދެކެވެ. "ރިންގް އޮފް ފަޔަރ" ގެ ނަމުން މަޝްހޫރު ދުނިޔޭގެ %70 އަލިފާން ފަރުބަދަތައް ހިމެނޭ ސަރަހައްދެވެ.
މި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލު އަދި ހާމަ ނުކުރާއިރު، ބިންހެލުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވިކަމުގެ ރިޕޯޓު ވަނީ ލިބިފައެވެ. ހައިޓީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީއިން ދަނީ މި ބިންހެލުމުގައި ލިބުނު ގެއްލުން ދިރާސާކުރަމުންނެވެ.
މި ބިންލެހުން ވަނީ 2010 ވަނަ އަހަރަށްފަހު ހައިޓީއަށް އައި އެންމެ ބާރުގަދަ ބިންހެލުން ގޮތުގައި ރިޕޯޓްކުރެވިފައެވެ. 2010 ވަނަ އަހަރު ހައިޓީއަށް އައި 7.3 ގެ ބާރުގަދަ ބިންހެލުމުގައި ބޮޑެތިގެއްލުންތަކެއްލިބި ދެލައްކައަށްވުރެ ގިނަމީހުން ވަނީ މަރުވެފައެވެ.