ހަވާއީގައި އުމުރުން 100 އަހަރުން ދަށުގެ މީހުންނަށް ސިނގިރޭޓު މަނާކުރަން ނިންމައިފިއެވެ.
ހަވާއީގެ ގާނުނު ހަދާ މަޖިލީހުން އެކުލަވައިލަމުން އަންނަ ބިލުގެ ސަބަބުން އެ ސްޓޭޓުގައި ސިނގެރޭޓު ބުއިން 2024 ވަނަ އަހަރު ހުއްޓިގެން ދާނެކަމަށް ބެލެވެއެވެ.
ހަވާއީގައި 2016 ވަނަ އަހަރު އެގައުމުގެ ގާނޫނަށް ބަދަލުގެނެސް 21 އަހަރުން ދަށުގެ މީހުންނަށް ވަނީ ސިނގެރޭޓު ގަތުމާއި އިސްތިއުމާލުކުރުން މަނާ ކޮށްފައެވެ.
އަލަށް އެކުލަވައިލާ ބިލުގެ ސަބަބުން އަންނަ އަހަރުން ފެށިގެން އެސްޓޭޓްގައި ސިނގެރޭޓު މަނާ ކުރާ އުމުރު 30 އަހަރަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އަދި ކޮންމެ އަހަރަކަށް މި އުމުރު ދިހަ އަހަރުން އިތުރުކުރަމުންގޮސް 2024 ވަނަ އަންނަ އިރު އުމުރުން 100 އަހަރުން ދަށުގެ މީހުންނަށް ސިނގެރޭޓު މަނާކުރުމަށް ވަނީ ނިންމައިފައެވެ. މިއީ މިހާތަނަށް ދުނިޔޭގައި ސިނގެރޭޓު މަނާ ކުރުމަށް އެޅިގެން ދާ އެންމެ ބޮޑު ފިޔަވަޅެވެ.
ހަވާއީގެ ސިނގެރޭޓު މަނާ ކުރާ ގާނޫނަށް ބަދަލުގެނައި ކަމުގައި ވީނަމަވެސް އެގައުމަށް އަންނަ ފަތުރުވެރިން މިކަމުން އިސްތިސްނާ ވާނެކަމަށް އެގާނޫނުގައި ވެއެވެ.