އިންޑިއާގެ އެހީގައި ރާއްޖޭގައި ބަހައްޓާ ރާޑަރުތައް ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ކޯސްޓް ގާޑް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އިންޑިއާގެ އެހީގައި ރާއްޖޭގައި ރާޑަރުތައް ބެހެއްޓުމުގެ މަޝްވަރާތައް ފެށީ 2005 ވަނަ އަހަރު ކަމަށެވެ.
ރާއްޖޭގައި 13 ރާޑަރެއް ބަހައްޓަން ނިންމާފައިވާއިރު ދިހަ ރާޑަރެއް ބެހެއްޓުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ރާޑަރުތައް ބެހެއްޓުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝަމާލު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓަން ހަމަޖެހިފައިވާ ރާޑަރުތައް ބެހެއްޓުމުގެ ކަންކަން މޮނީޓާކޮށް ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށާއި ރާޑަރުތައް އިންސްޓޯލް ކުރާނީ އިންޑިއާ ސިފައިން ކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދުކަމަށް ވުމާއެކު ރާއްޖޭގައި ރާޑަރުތައް ބަހައްޓަން މިހާރު މާލަސްވެއްޖެ ކަމަށް ޝަމާލު ވިދާޅުވިއެވެ.
އަދި ރާޑަރުތައް ބަހައްޓައި ނިމުމުން ވަކި ނެޓްވޯކެއް ގާއިމްކޮށް، ރާޑަރު މެދުވެރިކޮށް ރާއްޖެ ސަރަހައްދު ބަލަހައްޓަމުންދާނެ ކަމަށް ވެސް ޝަމާލު ވިދާޅުވިއެވެ. ޝަމާލު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތަފާތު ހާދިސާތައް ހިނގާ ކަމަށެވެ.
އެގޮތުން މަސްވެރިންގެ ހަބަރެއް ނުވެގެން ހޯދަން ޖެހުމާއި، ރާއްޖޭގެ ސަރަހައްދުތަކަށް ގަވައިދާ ހިލާފަށް ވަދެ އުޅޭ މަސް ބޯޓް ފަހަރު ހޯދުމަށް ކޯސްޓްގާޑުން ބުރަ މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާޑަރުތައް ބެހެއްޓުމުން އެކަންކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. ޝަމާލު ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލަށް ނުރައްކާވެދާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި ދިވެހި ސިފައިން ގައުމާ ރައްޔިތުންގެ ހައްގުގައި ގުރުބާންވާނެ ކަމަށެވެ.