އެމްއެންޑީއެފް

ހެލިކޮޕްޓަރުތައް އޮޕަރޭޓުކުރުމުގެ ހުރިހާ ކަމަކަށް ތިރީސް މީހުން ބޭނުންވޭ: އެމްއެންޑީއެފް

ޝަހީދާ އަބްދުﷲ ސައީދު

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓުކުރުމުގެ ހުރިހާ މަސައްކަތަކަށް 30 މީހުން ބޭނުންވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ކޯސްޓްގާޑް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހެލިކޮޕްޓަރު އިންސްޓޯލު ކުރުމުގެ މަސައްކަތް ކުރަނީ އިންޑިއާ ސިފައިން ކަމަށާއި ދެން ހުރި ހުރިހާ މަސައްކަތެއް ކުރަނީ ދިވެހި ސިފައިން ކަމަށެވެ.

އަދި ހެލިކޮޕްޓަރު ދުއްވާނެ ދިވެހި ސިފައިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޝަމާލު ވިދާޅުވިއެވެ.

ޝަމާލު ވިދާޅުވީ ހެލިކޮޕްޓަރު ދުއްވާނެ ޕައިލެޓުން ތަމްރީނު ކުރުމަށް އިންޑިއާ ސަރުކާރުގައި އެދިއްޖެނަމަ އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މީގެއިތުރުން ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާ ކުރުމުގެ މަޝްވަރާތައް އިތުރު ދެ ގައުމަކާއެކު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަމަށް އަމަލީ ސިފައެއް އަދި ނާންނަ ކަމަށް ޝަމާލު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އާންމު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާކަން ފާހަގަކުރައްވައި ޝަމާލު ވަނީ ސިފައިންގެ މަސައްކަތާ މެދު އެއްވެސް ރައްޔިތަކު ސުވާލު ނުއުފެއްދުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ނުދެއްކުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

އެބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައިސް ޗީފް އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ހެލިކޮޕްޓަރުގައި އާންމުކޮށް އުފުލަނީ ހާލުބޮޑު ބަލި މީހުން ކަމަށެވެ.

އެގޮތުން މަތިންދާ ބޯޓު ދަތުރުކުރާ އުސްމިނަށް ބަލާއިރު ހާލުބޮޑު ބަލި މީހުން މަތިންދާ ބޯޓަށް އެރުވެން ނެތް ކަމަށާއި އަދި ސީ އެމްބިއުލާންސްގައި މާލެ ގެންނަން ބަލާއިރު ގިނަ ވަގުތު ހޭދަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.