ދުނިޔެ

ޝެއިހް ޖައްރާހުގެ އެލް-ކުރްދު އެއްމާބަނޑު ދެބެއިން ޓައިމްސް މެގަޒިންގެ ނުފޫޒުގަދަ މީހުންގެ ލިސްޓަށް

ޝެއިހް ޖައްރާހުގެ އެލް-ކުރްދު އެއްމާބަނޑު ދެބެއިން ޓައިމްސް މެގަޒިންގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ހިމެނިއްޖެއެވެ.

ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރަމުން އަންނަ އެއްމާބަނޑު ދެބެއިން މުނާ އަދި މުހައްމަދު އެލް-ކުރްދު އަކީ އެގައުމުގައި އެންމެ ގަދައަށް ހަރަކާތްތެރިވަމުން އަންނަ ދެ އެކްޓިވިސްޓުންނެވެ. ފަލަސްތީނުގެ ޝެއިހް ޖައްރާހުގެ މި ދެބެއިންގެ އާއިލާ، އެމީހުންގެ ގެތަކުން ގަދަކަމުން ނެރެލުމަށް އިސްރާއީލުގެ ބާރުތަކުން ވަނީ ތަފާތު ފިއްތުންތަކާ ކުރިމަތިކުރުވައިފައެވެ.

23 އަހަރުގެ އެއްމާބަނޑު ދެބެއިން ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ އިސްރާއީލުގެ މި ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލައި ދުނިޔޭގެ ސަމާލުކަމަށް ޝެއިހު ޖައްރާހުގެ ގެދޮރުތައް އަތުލުން ހުއްޓާލުމަށް ގޮވާލައި ހިންގި ކެމްޕޭނުގެ ސަބަބުންނެވެ. މި ހަރަކާތާ ގުޅިގެން އިސްރާއީލުގެ ބާރުތަކުން ވަނީ ޖޫން މަހުގެ ތެރޭގައި މި ދެބެއިން ހިފައި ހައްޔަރުކޮށް އެތަކެއް ގަޑިއިރުތަކެއް ވަންދެން ސުވާލުކުރުމަށްފަހު ދޫކޮށްލައިފައެވެ.

އޮންލައިން ޕޯސްޓުތަކުންނާއި މީޑިއާތަކަށް އަރައި އަޑު އުފުލައިގެން ދުނިޔޭގެ ސަމާލުކަމަށް އިސްރާއީލުގެ ބާރުގެ ދަށުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ތަސައްވުރެއް ވަނީ ދުނިޔެއަށް ހާމަކޮށްދީފައި ކަމަށާއި އަދި އެކަމުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި ދުނިޔެއިން ދެކެމުން އަންނަ ގޮތް ބަދަލުކޮށްލުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާކަމުގައި ޓައިމްސް މެގަޒިންގައި ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން މުހައްމަދު އެލް-ކުރްދު މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއީ ލިބުނު ރަނގަޅު ކުރިއެރުމެއް ކަމަށާއި ނަމަވެސް ދެވޭ ލަގަބެއްގެ ސަބަބުން ފަލަސްތީނަށް ހައްގު ހޯދައިދިނުމުގެ މަސައްކަތުގައި އެހީތެރިވެދެވެނީ ކަމުގައި ނުދެކޭ ކަމަށެވެ.

ޓައިމްސް މެގަޒިންގެ އެޑިޓާ އިން ޗީފް އެޑްވާޑް ފެލްސެންތަލް ވިދާޅުވެފައިވާގޮތުގައި އެ މަޖައްލާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވައިލެވޭ 100 ނުފޫޒު ގަދަ މީހުންގެ ލިސްޓަކީ ގައުމެއްގެ ކުރިމަގު އުޖާލާކޮށް ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށްޓަކައި މަސައްކަތްކުރާ އާދަޔާ ހިލާފު ލީޑަރުންގެ އަގު ވަޒަންކުރުމުގެ ލިސްޓެކެވެ.

މި ލިސްޓުގައި އީރާނުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރަމުން އައިސްފައިވާ ވަކީލު ނަސްރީން ސުތޫދާވެސް ވަނީ ހިމެނިފައެވެ. ނަސްރީން އަކީ 2019 ވަނަ އަހަރު ހައްޔަރުކޮށް 38 އަހަރަށް ޖަލަށް ލެވި އަދި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރަމުން ދިއުމުގެ ސަބަބުން 148 އެތިފަހަރުން ހައްދު ޖަހާފައިވާ އަންހެނެކެވެ.

އޭނާ މިދިޔަ އަހަރު ޖަލުން މިނިވަންކޮށްފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ އިރާނުގެ ލީޑަރަށް ފުރައްސާރަ ކުރުމާއި ޕްރޮޕެެގެންޑާ ފެތުރުމާއި، ހަމަނުޖެހުން ހިންގުމުގެ ދައުވާތަކާ ދެކޮޅު ހެދުމަށް ކުރިއަށްގެންދިޔަ 46 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް ފަހުގައެވެ.

މި ލިސްޓުގައި އަފްގާނިސްތާނުގެ މިހާރުގެ ވަގުތީ ބޮޑުވަޒީރު، ތާލިބާނުގެ ކޯ-ފައުންޑަރު މުއްލާ އަބްދުލް ގަނީ ބަރާދަރުވެސް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުންވެސް މި ލިސްޓުން ޖާގަ ހޯދާފައިވާ ފާހަގަކޮށްލެވޭ މީހުންގެ ތެރޭގައި އިނގިރޭސި ޝާހީ އާއިލާއިން ދުރަށް ޖެހިވަޑައިގެން ދިރިއުޅުއްވަމުން ގެންދަވާ ޕްރިންސް ހެރީ އަދި އަނބިކަނބަލުން މެގަން މާކެލް، ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އަދި އެމެރިކާގެ އޮލިމްޕިކް ޖިމްނާސްޓު ސިމޯން ބައިލްސް ވަނީ ހިމެނިގެން ގޮސްފައެވެ.