ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން 80 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނުގެ ދަށުން މިއަދު ގެންދިޔަ ބިދޭސީން، ސްކްރީން ކުރުމަށްފަހު އޭގެ ތެރެއިން ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ފުރުވައިލަންޖެހޭ މީހުން ފުރުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދު ކުރިއަށްދިޔަ އޮޕަރޭޝަނުގައި ޒިކުރާ މިސްކިތް ސަރަހައްދުން ފެށިގެން މާވެޔޮމަގާއި އެ މަގާގުޅިފައިވާ ސަރަހައްދުތަކުގައި ތިބި ބިދޭސީންނާއި މާފަންނު ގަޑިބުރު ސަރަހައްދުގައި ތިބި ބިދޭސީންގެ ތެރެއިން ސައްހަ ލިޔެކިއުމެއް ނެތް 80 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އަދި އެ ފަރާތްތައް ރާއްޖެއަށް ގެނައުމުގައި މެދުވެރިވި ފަރާތްތަކުގެ އިހުމާލެއްވާނަމަ، އިމިގްރޭޝަން ގާނޫނު ތަންދޭ އެންމެ ފުޅާ މިނެއްގައި އެ ފަދަ ފަރާތްތަކާ މެދުވެސް ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ވޯކް ވިސާގައި ރާއްޖެއަށް 144،607 ބިދޭސީން އައިސް މަސައްކަތް ކުރަމުންދާއިރު ލަފާކުރެވޭ ގޮތުގައި އޭގެ ތެރެއިން 63000 ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ކަމަށް އިމިގްރޭޝަނުން ކުރީން ވަނީ ބުނެފައިވެއެވެ.