މިންހާ ފާއިޒް ރަޝާދު
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ)އިން ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ ހާއްސަ އޮބްސްޓަކަލް ދުވުން ޝަރަފުވެރި ކޮށްދެއްވާނީ ދިވެހި ރާއްޖޭގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ކަމަށް އެ އޯގަނައިޒޭޝަނުން ބުނެފިއެވެ.
އަންހެނުންގެ ދުވަހުގެ ޚާއްސަ ދުވުމުގެ ދައުވަތު މެޑަމް ފަޒްނާ އަހުމަދަށް އެރުވުމަށް ޓަކައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމަށް ފަހު، ވިމް އިން ބުނީ މެޑަމް އެ އޯގަނައިޒޭޝަނުގެ ދައުވަތު ގަބޫލުކުރައްވައި މި ހަރަކާތް ޝަރަފުވެރިކޮށްދެއްވުމަކީ އެ އޯގަނައިޒޭޝަނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި އޭގެން ދައްކައިދެނީ މި ފަދަ ކަންކަމަށް އެކަމަނާ ދެއްވާ ސަމާލުކަން ކަމަށް ވެސް ވިމްއިން ފާހަގަކުރި އެވެ.
ވިމް އިން އިތުރަށް ބުނީ، މެޑަމް ފަޒްނާ މި ދުވުން ޝަރަފުވެރިކޮށްދެއްވަން ބައިވެރިވެވަޑައިގަންނަވާނީ ރާއްޖޭގެ ޗީފް ގައިޑުގެ ހައިސިއްޔަތުން ކަމަށެވެ.
"ހަމައެކަނި އަންހެނުންނަށް ބައިވެރިވެވޭތީ، މިދިޔަ އަހަރުވެސް ވަރަށް ގިނަ ގާލްގައިޑުން މި ދުވުމުގައި ބައިވެރިވި. މި ފަހަރުގެ އިވެންޓް ވެސް މި އޮތީ ގާލްގައިޑުން އެންޑޯޒްކޮށްފަ. އަދި މި ފަހަރުވެސް ވަރަށް ގިނަ އަދަދެއްގެ ގައިޑުން މި ދުވުމުގައި ބައިވެރިވާނެ. އެހެންވެ މެޑަމް ފަޒްނާ ބޭނުންފުޅުވީ ޗީފް ގައިޑުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަން." ވިމް އިން ބުންޏެވެ.
އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު ހުޅުމަލޭގައި ބޭއްވުމަށް ހަމަޖައްސައިފައިވާ "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގެ އޮބްސްޓަކަލްތައް ހާއްސަކޮށްފައިވަނީ މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ބެލެންސް ފޯ ބެޓަރ ލައިފް"އާ ގުޅޭ ގޮތަށް ކަމަށް ވިމްއިން މައުލޫމާތު ދެއެވެ.
މިއީ ވިމް އިން އަންހެނުންގެ ދުވަހުގެ ހާއްސަ އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް" ބާއްވާ ދެވަނަ އަހަރެވެ.
ވިމް އިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ ދުވުމަކީވެސް 3.75 ކިލޯމީޓަރުގެ ދުވުމެކެވެ. ކޮންމެ ކިލޯ މީޓަރަކުން އޮބްސްޓަކަލްއަކާ ކުރިމަތިވާނެއެވެ. ދުވުމުގެ ބައިވެރިން އެބައިވެރިޔަކު އިހްތިޔާރު ކުރާ ގޮތަކަށް އޮބްސްޓަކަލް ފުރިހަމަ ކުރެވޭނެއެވެ. މިއަހަރުގެ އޮބްސްޓަކަލްތަކަކީ ވެސް މިދިޔަ އަހަރެކޭ އެއްފަދައިން ފަސޭހަ އޮބްސްޓަކަލް ތަކަކަށް ވާނެ ކަމަށް ވިމް އިން ބުންޏެވެ.
މި ދުވުމަކީ އަންހެނުންނަށް ހާއްސަ ދުވުމެއް ކަމަށާއި ހުރިހާ އުމުރު ފުރައަކާ ގުޅޭ ގޮތަށް ބައްޓަންކޮށްފައިވާ ދުވުމެއްކަމަށް ވެސް ވިމް އިން ބުނެެއެވެ.
ވިމް އިން މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް"ގައި 5000އަށް ވުރެ ގިނަ އަންހެނުން ވަނީ ބައިވެރިވެފައެވެ. އެއީ މިހާތަނަށް ރާއްޖޭގައި ހަމަ އެކަނި އަންހެނުން ބައިވެރިވެގެން ބެއްވި އެންމެ ބޮޑު ދުވުން ކަމަށް ވިމް އިން ފާހަގަކުރެ އެވެ.
"ރަން ވިތް އަސް 2019"ގެ މައުލޫމަތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ވިމްގެ ހޮޓްލައިން 7946687އިން މައުލޫމާތު ލިބޭނެއެވެ.
ވިމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެކެވެ. ވިމްގެ ޗެޕްޓަރ ރާއްޖޭގައި ހުޅުވީ 2017 ސެޕްޓެމްބަރުގައެވެ. ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.