މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ހެޑް އޮފީހާއި މަސް ފިހާރަ ފަޅާލައިފި އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ދާދި ދެންމެ ވިދާޅުވީ މިފްކޯ މަސްފިހާރަ ފަޅާލައިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 7:58ހާއިރު ކަމަށެވެ.
ވަންގެ ނޫސްވެރީން މިއަދު ހެނދުނު މިފްކޯ ހެޑް އޮފީސް ސަރަހައްދަށް ދިޔަ އިރު، ފޮރެންސިކު ފުލުހުން އަންނަނީ މާފަންނު ސްޓޭޑިއަމްގެ ހުޅަނގު ފަޅީގައި ހުންނަ މިފްކޯގެ މަސް ފިހާރަ ފަޅާލައިފައިވާ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ތަޅާލައިގައި ހުރީ މަސް ފިހާރައިގެ މައިދޮރާ އިންވެގެން ހުރި ބިއްލޫރިގަނޑެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެތަނުން ގެއްލިފައިވާ ތަކެއްޗާ ބެހޭ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށާއި އެ ތަފްސީލު ލިބުނުހާ އަވަހަކަށް ހިއްސާކުރައްވާނެ ކަމަށެވެ.
"އެ ސަރަހައްދުގައި ހުރި މިފްކޯގެ މުވައްޒަފަކު ބުނީ ސްޓޭޑިއަމްގެ ހުޅަނގު ފަޅީގައި ހުންނަ ކުޑަދޮރެއް ފަޅާލައިގެން ހެޑް އޮފީސް ތެރެއަށް ވެސް ވަދެފައިވާ ކަމަށާއި ވަދެފައި ވަނީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރުގެ ސެކްރެޓަރީގެ ކޮޓަރިއަށް ކަމަށެވެ.