އާއިލާއެއްގެ ތެރޭގައި ބާއްވާ ޕާޓީއަކަށް ވެސް ދިވެހި ރައްޔިތުންނޭ ކިޔާފައި ޕީޕީއެމްގެ މުޒާހަރާއަށް ދާ މީހުންނަށްވުރެ ގިނަ ވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއެއްގައި އޮންނަ އަސާސީ ގަވާއިދުގައި ކޮންމެވެސް އުސޫލުތަކެއް އެކުލެވޭނެ ކަމަށާއި ގަރާރާ އެއްޗެހި ފާސްކުރަނީ އެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ޕީޕީއެމްއިން މުޒާހަރާ ކުރާ މީހުންނަކީ އަމިއްލަ އަސާސީ ގަވާއިދަށް އިހުތިރާމް ކުރަން ނުދަންނަ ބައެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
އާއިލާއެއްގެ ތެރޭގައި ބާއްވާ ޕާޓީއަކަށް ވެސް އެތަނަށް ދިވެހި ރައްޔިތުންނޭ ކިޔާފަ ނުކުންނަ ވަރަށްވުރެ ގިނަވާނެ. އަޅުގަނޑު ދަންނަވާނީ ނުކުންނާނެ ބަޔަކު ވެސް ނުވަނީއޭ. އުސޫލުތަކުގެ ތެރެއިން ގަރާރާ އެއްޗެހި މި ފާސްކުރަނީ. އެ ބައެއްގެ އަމިއްލަ އަސާސީ ގަވާއިދަށް އިހުތިރާމް ނުކުރާ ބަޔަކު ވޯޓު އޮޅުވާލީއޭ ކިޔައިގެން އެ ވާހަކަދައްކަނީ،" އޭނާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ބައްދަލުކުރައްވަން ދިއުމުން ހޯމް މިނިސްޓަރު ވެސް އެއީ ދެ ތިން އެކްޓިވިސްޓުން ކުރާ ކަމެއް ކަމަށް ވިދާޅުވި ކަމަށެވެ. އަދި ފުރަތަމަ ދުވަހު ކުރި މުޒާހަރާގައި އެކްޓިވިސްޓުންނާއެކު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފެނިގެންވަޑައިގެންނެވި ކަން ވެސް މާރިޔާ ފާހަގަކުރެއްވިއެވެ.
"ހޯމް މިނިސްޓަރު އަރިހަށް އަޅުގަނޑުމެން ދިޔައީމަ، ހޯމް މިނިސްޓަރު ވެސް ވިދާޅުވި އެއީ ދެތިން އެކްޓިވިސްޓުން، މާގިނަ ބައެއް ނޫނެއްނުންހޭ. އެކްޓިވިސްޓުން ނުކުމެ ކުރާ ކަމެކޭ. އެކްޓިވިސްޓުން ތެރޭގައި ފުރަތަމަ ރޭ ފެނުނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ނުކުމެވަޑައިގެން، އެއް ދުވަހު އެއް ތޮފި އަޅުއްވައިގެން ތިމަންނަ އިންތިހާބު ގަބޫލުކޮށްފީމޭ ވިދާޅުވެފަ، އަނެއް ތޮފި އަޅުއްވައިގެން ގަބޫލުނުކުރަނީކީ ނޫނޭ އެކަމަކު ކަންކަމެކޭ،" މާރިޔާ ވިދާޅުވިއެވެ.