ދަރުމަވަންތަ ހޮސްޕިޓަލް

އަންނަ މާޗު މަހު ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވައި ހިދުމަތްފަށާނެ: އަޖީއެމްއެޗް

އަންނަ މާޗްމަހު 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވައި ހަތަރުބުރީގައި ޚިދުމަތް ދޭން ފަށާނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުގެ ތަރުޖަމާނު މުހައްމަދު މުފީދު "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ އަންނަ މާޗްމަހު ހުޅުވަން އެ އިމާރާތުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފްލޯތަކުގައި ކަމާބެހޭ އާލާތްތައްވެސް ހަރުކޮށް ފައިނަލް ކޮށްފައިވާ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވިގެންދާއިރު އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް އެ އިމާރާތައް ބަދަލުކުރަން ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، އާއި ފިޒިއޮތެރަޕީ، އާއި ސްޕޯޓްސް ތެރަޕީގެ އިތުރުން އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓްގެ ހިދުމަތް ހިމެނެ އެވެ. ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކޮށްފައިވަނީ، އައިޖީއެމްއެޗުގެ ތެރެއިން އެ ހޮސްޕިޓަލަށް ދެވޭގޮތަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް، ކުރިން ހުޅުވުމަށް ހަމަޖެހިފައި އޮތް ނަމަވެސް އެ ތަނަށް ބޭނުންވާ އެއްޗެހި ހޯދުމަށް ހަވާލު ކުރި ކުންފުނިތަކަށް ދީފައިވާ މުއްދަތުގައި ތަކެތި ހޯދިފައިނުވާތީ މި ދިޔަ އަހަރު އެ އިމާރާތް ހުޅުވޭގޮތް ނުވީ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ، އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމާއި، ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް އަމާޒުކޮށްގެން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދި 143 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފައިވާ ކަންތައްތަކެއް ހިންގާފައި ހުރި ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.