މޯލްޑިވިއަން

މޯލްޑިވިއަންގެ ޕައިލެޓުންގެ ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމުން އިހުތިޖާޖު ނުކުރަން ނިންމައިފި

އިބްރާހިމް ޒަކީ

މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރިޒްވީ، ވިދާޅުމުން، ގައުމީ އެއާލައިން (މޯލްޑިވިއަން)ގެ ގިނަ ޕައިލެޓުންތަކެއް މިއަދު ފަށަން އޮތް އިހުތިޖާޖު ނިމުމަކަށް ގެނެސްފި އެވެ.

ނަން ނުޖެހުމަށް އެދި ވަން އޮންލައިނަށް މައުލޫމާތުދިން މޯލްޑިވިއަންގެ މުވައްޒަފަކު ބުނީ، ޕައިލެޓުން އިހުތިޖާޖު ކުރަން ނިންމުމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ރޭ ޕައިލެޓުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އަދި ޕައިލެޓުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި، އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރ އޮފް ޕައިލެޓް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންގެ މަސްއޫލިއްޔަތު އެހެން މީހަކާ ވަގުތީގޮތުން ހަވާލު ކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މޯލްޑިވިއަންގެ ގިނަ އަދަދެއްގެ ޕައިލެޓުން ޑިއުޓީއަށް ނުނިކުމެ މިއަދުން ފެށިގެން އިހުތިޖާޖުކުރުމަށް ނިންމީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރ އޮފް ޕައިލެޓް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންއަށް އެކި ފަހަރުމަތިން އެކި މައްސަލަ ހުށަހެޅުމުންވެސް އެކަމަށް ހައްލެއް ހޯދައިދީފައި ނުވުމުގެ ސަބަބުންނެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަންގެ އާ އެމްޑީ މުހައްމަދު ރިޒްވީ ވެސް ވަނީ ޕައިލެޓުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި އެމްޑީ ވަނީ ޕައިލެޓުންގެ މައްސަލަތަކަށް ހައްލު ގެެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މޯލްޑިވިއަންގެ ޕައިލެޓުން އަމީން އިސްތިއުފާ ދެއްވަންދެން ނުވަތަ މަގާމުން ވަކި ކުރަންދެން އިހުތިޖާޖު ކުރުމަށް ރޭ އޮތީ ނިންމައިފައެވެ.