ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވުން ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެންޑްރޫ އިސްތިއުފާ ދެއްވާފައިވަނީ އޭނާއާ ދެކޮޅަށް 11 އަންހެނަކު ކުރި ދައުވާއާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުން އެކަން ސާބިތުވުމުންނެވެ.
މިމައްސަލައިގައި ގިނަބަޔަކު ވަނީ އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ. މިވަގުތަށް އެންމެ ރަނގަޅުވާނީ އަމިއްލައަށް އިސްތިއުފާ ދިނުން ކަމަށް އިސްތިއުފާގެ ބަޔާނުގައި ކޫމޯ ވަނީ ވިދާޅުވެފައެވެ.
ކޫމޯ ވަނީ 2011 ވަނަ އަހަރުން ފެށިގެން ނިއުޔޯކުގެ ގަވަރުނަރު ކަމުގެ މަގާމުގައި ހިދުމަތް ކުރައްވައިފައެވެ. އަދި ޖިންސީ ފުރައްސާރައިގެ މި މައްސަލައިގައި ކުރިއަށް ގެންދިޔަ ތަހުގީގަށް އިންކާރުކޮށް، މި ދައުވާތަކާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމުގައި ކޫމޯ ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ލިއުޓިނެންޓް ގަވަރުނަރު ކެތީ ހޮކުލް މިމަގާމާ ހަވާލުވެވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ހޮޗުލް ގަވަރުނަރުކަމާ ހަވާލުވެވަޑައިގަތުމުން މި ސްޓޭޓުގެ ފުރަތަމަ އަންހެން ގަވަރުނަރުކަމުގެ ލަގަބު އެކަމަނާއަށް ލިބިގެންދާނެއެވެ.
މެދުމިނުގެ ޑިމޮކްރެޓު ސިޔާސީ ފިކުރު ގެންގުޅުއްވާ 62 އަހަރުގެ ހޮކުލް އަކީ ކުރީން ވަކީލުކަން ކުރައްވައި ޔޫއެސް ކޮންގްރެސްގައި ހިމެނިވަޑައިގަންނަވާ ކަނބަލެކެވެ. އަދި 2015 އަހަރުން ފެށިގެން ލިއުޓިނެންޓު ގަވަރުނަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވަ އެވެ.
ކޫމޯ ވަނީ ގަވަރުނަރުކަމުގެ މަގާމަށް ފާއިތުވި ތިން ދައުރުގައިވެސް އިންތިހާބުވެ ވަޑައިގެންފައެވެ. މިދިޔަ އަހަރުގެ ކޮވިޑުގެ ހާލަތުގައި، ކޫމޯ ވަނީ ކޮވިޑާ ގުޅޭ މައުލޫމާތު އާއްމުންނަށް ހިއްސާކުރެއްވުމުގައި ނަމޫނާ ދައްކަވާފައިވާތީ ގިނަބައެއްގެ މަގުބޫލުކަން ހޯއްދަވައިފައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ކުރިއަށް އޮތް ހަތަރުވަނަ ދައުރަކަށް މީގެކުރިން ގަވަރުނަރުކަމުގެ މަގާމަށް އިންތިހާބުވުމުގެ ފުރުސަތުތައް ފަހިވެފައިވަނިކޮށް ކަމަށް ހަބަރުތައް ބުނެއެވެ.