ތޫނިސްގެ ބޮޑު ވަޒީރު މަގާމުން ދުރުކުރައްވައި ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް ގެނައުމުން ބަގާވާތުގެ ތުހުމަތު ރައީސް ކައިސް ސައީދުގެ އިސްތަށިފުޅުގައި އިދިކޮޅުން އަޅުވައިފިއެވެ.
ރައީސްގެ މި ނިންމެވުން އިއުލާނު ކުރައްވާފައިވަނީ އިއްޔެ ސަރުކާރުގެ ބާރުތަކުގެ ވެރިންނާއެކު ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދެއްވި ބަޔާނެއްގައެވެ.
ކައިސް ސައީދުގެ މި ނިންމެވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަގުތައް މައްޗަށް ނުކުމެ އުފާފާޅުކޮށްފައެވެ. ނަމަވެސް މި ނިންމެވުމަކީ ދިމިގުރާތީއަށް ދިން ހަމަލާއެއްކަމަށް ބުނެ ބަގާވާތެއްގެ ތުހުމަތު ރައީސްގެ އިސްތަށިފުޅުގައި އިދިކޮޅުން ވަނީ އަޅުއްވާފައެވެ.
ރައީސްގެ މިނިންމެވުން ގެންނަވާފައިވަނީ ކޮވިޑުގެ ހާލަތު ކޮންޓްރޯލުކުރުމުގައި ބޮޑުވަޒީރު ހާޝިމް މަޝީޝީ ގެންގުޅުއްވާ ސިޔާސަތުތަކާމެދު އާއްމުން ހިތްހަމަނުޖެހި މަގުތައް މައްޗަށް ނުކުމެ މުޒާހަރާކުރަމުން ދިޔުމުގެ ސަބަބުންނެވެ. މަޖިލީހުގެ އަގުލަބިއްޔަތު ބޮޑު އައްނަހުދާ ޕާޓީއާއި އިދިކޮޅަށްވެސް އާއްމުންގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް އަޑު އުފުލަމުން އައިސްފައެވެ.
''ސަރުކާރުން ނިފާގުކަން އިސްކޮށް ރައްޔިތުންގެ ހައްގުތަކަށް ވަނީ ހިޔާނާތްތެރިވެ ގައްދާރުވެފަ. މި ނިންމުމުގެ ސަބަބުން ސަރުކާރާއި ދެކޮޅަށް ބަޑީގެ އެންމެ ހަމަލާއެއް އިސްކުރި ނަމަވެސް އެފަރާތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ރައްދު ދޭނެކަމުގެ އިންޒާރު ދެން.'' ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރައީސް ދެއްވި ބަޔާނުގައި ވިދާޅުވެލައްވާފައިވެއެވެ.
މީގެ އިތުރުންވެސް އެގައުމުގެ ސަރުކާރުގެ ސިޔާސަތުތައް އަލުން އެކުލަވާލާ ކަންކަން ހިންގެވުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދެވޭނީ އައު ބޮޑު ވަޒީރެއް އިންތިހާބު ކުރެއްވުމަށް ފަހުގައި ކަން ރައީސްގެ ބަޔާނުގައި ވަނީ ހާމަކުރައްވާފައެވެ.
ބޮޑުވަޒީރު މަގާމުން ދުރުކުރައްވާފައިވާއިރު ރައީސް ވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވެ، މަޖިލިސް މެމްބަރުންނަށް ލިބިދީފައިވާ ބާރުތައް ވެސް ނަންގަވާފައެވެ.
އައްނަހުދާ ޕާޓީ ހިންގަވަމުން ގެންދަވާ އަދި މަޖިލީހުގެ ތަރުޖަމާނު ރާޝިދު ގަނޫޝީ ވަނީ މިނިންމެވުމަކީ ބަގާވާތެއް ކަމަށް ވިދާޅުވެފައެވެ.
މިއީ 2014 ވަނަ އަހަރު ދައުލަތް ހިންގެވުމުގައި ރައީސް، ބޮޑު ވަޒީރު އަދި ގާނޫނު ހަދާ މަޖިލިހުގެ ބާރުތައް ވަކިކުރެވި ގާނޫނު އަސާސީއަށް ގެނެވުނު ބަދަލުގެ ފަހުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންކަމުގައި ގިނަ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.