މެޑަމް ފާތިމަތު އިބްރާހިމް

މެޑަމް ފާތުން ސައުދީއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން)، ސައުދީ އަރަބިއާއަށް ފުރާވަޑައިގެންފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މެޑަމް ފާތުން މިއަދުގެ ވަގުތެއްގައި ސައުދީއަށް ފުރާވަޑައިގެންނެވީ އުމްރާގެ އަޅުކަން ފުރިހަމަކުރެއްވުމަށެވެ. އެހެން ނަމަވެސް އެކަން ކަށަވަރުވެފައެއް ނުވެއެވެ.

ބައެއް ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި އެކަމަނާ ތުރުކުރެއްވައިގެން ހުންނެވީ ކަޅު ހެދުމެކެވެ. އަދި އެކަމަނާ ހުންނެވީ މޫނު ނިވާކޮށްގެންނެވެ. "ވަން"އަށް އެނގިފައިވާ ގޮތުގައި މެޑަމް ފާތުން ސައުދީއަށް ވަޑައިގެންނެވުމަށް ނެންގެވީ އެއްކޮޅު ޓިކެޓެކެވެ.

މެޑަމް ފާތުން ސައުދީއަށް ވަޑައިގެންނެވި އިރު، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އެކަމަނާގެ ފިރިކަލުން ރައީސް ޔާމީނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. ރައީސް ޔާމީނާ ވާދަކޮށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކުރި ހޯއްދެވީ 58 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ.