ދުނިޔެ

ހައިޓީގެ ރައީސް ކޮވެނެލް މޮއިސް ގޭގައި ހުންނަވަނިކޮށް އަވަހާރަކޮށްލައިފި

ހައިޓީގެ ރައީސް ކޮވެނެލް މޮއިސް ގޭގައި ހުންނަވަނިކޮށް ދިން ބަޑީގެ ހަމަލާއެއްގައި އަވަހާރަކޮށްލައިފިއެވެ.

އެ ގައުމުގެ ގަޑިން ދަންވަރު 01.00ގައި ހަތިޔާރު އެޅި ބަޔަކު މޮއިސް ދިރިއުޅުއްވާ ގެކޮޅަށް ވަދެފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ކްލޯޑު ޖޯސެފް ވަނީ މައުލޫމާތު ދެއްވާފައެވެ.

ރައީސް އަވަހާރަ ކޮށްލުމާއި ގުޅިގެން އެގައުމުގައި މިވަގުތު ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.

ދުނިޔޭގެ ފަގީރު ގައުމު ތަކުގެ ތެރޭގައި ހިމެނޭ ހައިޓީގެ ރައީސްކަމާއި ކޮވެނެލް ހަވާލުވެވަޑައިގެންފައިވަނީ 2017ވަނަ އަހަރުގައެވެ.

އަބަދުވެސް ހަމަނުޖެހުން ބޮޑު ހައިޓީގެ ތާރީހުގައި ބަގާވާތްކުރުމާއި ސިޔާސީ ހަމަނުޖެހުމާއި ގޭންގު މާރާމާރީގެ މައްސަލަތައް އާއްމުކޮށް ހިނގަމުން އަންނަ ގައުމެއްގޮތުގައި ފާހަގަކޮށްލެވެއެވެ.

ހައިޓީގެ އިދިކޮޅު ފަރާތްތަކުން ވަނީ މޮއިސްގެ 5 އަހަރުގެ ދައުރު ފުރިހަމަކޮށް 7 ފެބްރުއަރީ 2021 ގައި އިސްތިއުފާ ދެއްވަން ޖެހޭނެކަމުގައި ބުނަމުން އައިސްފައެވެ. ނަމަވެސް މޮއިސް ވަނީ ދައުރާ ހަވާލުވެވަޑައިގެންފައިވަނީ 7 ފެބްރުއަރީ 2017 ގައި ކަމުން، ދައުރު ހަމަވާނީ 2022 ގައި ކަމަށް ވިދާޅުވަމުން އައިސްފައެވެ.

މި އަހަރުގެ ފެބްރުއަރީ މަހު މޮއިސް މަގާމުން ދުރުކުރުމަށް އިދިކޮޅުން ވަނީ އެމަނިކުފާނު އަވަހާރަކޮށްލައި ވެރިކަން ވައްޓާލަން ކުރެއްވި މަސައްކަތް މޮއިސްގެ ސަރުކާރުން ނާކާމިޔާބުކޮށްލާފައެވެ.

މޮއިސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ މާޓީން މޮއިސް އަށް ވެސް ބަޑީގެ ހަމަލާ އަރާފައިވާއިރު އެކަމަނާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.