އިންޑޮނޭޝިއާ އާއި އެމެރިކާ ގުޅިގެން އިންޑޮނޭޝިއާގެ ރިއައު އައިލެންޑްސްގައި މެރިޓައިމް ޓްރެއިނިން ސެންޓަރެއް ހަދަން އެއްބަސްވެއްޖެއެވެ.
އެ ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ ހަފުތާގެ ހުކުރު ދުވަހު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އެމެރިކާއިން އިންޑޮނޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންގް ކިމް ވިދާޅުވީ, އެ ސެންޓަރަކީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދެގައުމުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
ކޯޅުން ބޮޑު ދެކުނު ޗައިނާ ކަނޑާއި ސިންގަޕޫރު ސްޓްރެއިޓް ބައްދަލުވާ ތަނުގައި, ޖުމުލަ 3.5 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހަދާ އެ ސެންޓަރުގައި ކުލާސްރޫމްތަކާއި ބްރެކްސް އަދި ލޯންޗް ޕެޑް ހަދާނެ އެވެ. އަދި އެ ސެންޓަރު ހިންގާނީ އިންޑޮނޭޝިއަން މެރިޓައިމް އެޖެންސީން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާގެ ބަނޑުދަށުގައި އޮންނަ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ސަރަހައްދެއް ނަމަވެސް, އެ ސަރަހައްދަކީ ޗައިނާގެ މުހިންމު ޖިޔޮސްޓްރެޓީޖިކް ސަރަހައްދަކަށްވާތީ އެ ސަރަހައްދުގައިވާ ބައެއް ޖަރީޒާތަކާއި ފަޅުތަކުގެ މިލްކުވެރިކަމަށް ޗައިނާ ދައުވާކުރެއެވެ.
އެގޮތުން އެ ސަރަހައްދުގައި ހިމެނޭ ރަށްތަކާއި ސަރަހައްދުތަކަކީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ޗައިނާގެ އިސްތިގުލާލުގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށާއި އެހެންކަމުން އެ ސަރަހައްދު ދޫކޮށް ނުލާނެ ކަމަށް ބުނެ, ޗައިނާ ކަނޑުގައި ޗައިނާގެ ސަރަހައްދީ ރޮނގު އެގައުމުން އަމިއްލައަށް ވަނީ ކަނޑައަޅައިފައެވެ.
އެ މައްސަލައިގައި ފިލިޕީންސް, ވިއެޓްނާމް އަދި މެލޭޝިއާ އިން ވަނީ ޗައިނާއާ ދެބަސްވެފައެވެ. ނަމަވެސް, ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި މާސިންގާ ބޮޑެތި ފަރުތަކެއް ހިއްކައިގެން ރަށްތަކެއް ވެސް ހަދައިފައެވެ.