ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ރާއްޖޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ފެށުމަށް ދޫކުރާ ރަށްތައް އޮގަސްޓުގައި އިއުލާނު ކުރަނީ

މުހައްމަދު ސިމާއު

ރާއްޖޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ފެށުމަށް ދޫކުރާ ރަށްތައް އަންނަ އޮގަސްޓު މަހުގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓް ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކުރަން ނިންމާފައިވާ އެއް މަސައްކަތަކީ ރިއަލް އެސްޓޭޓް ޓޫރިޒަމެވެ. ދައުލަތަށް އާމްދަނީ ހޯދަން މިއަހަރު އަލަށް ފަށާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް ކަމަކީވެސް އެއީ އެވެ. އެގޮތުން ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި މިއަހަރު ރިއަލް އެސްޓޭޓް ޓޫރިޒަމުން 150 މިލިއަން ރުފިޔާ ލިބޭނެއެވެ.

"ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި, ރިއަލް އެސްޓޭޓް ޓޫރިޒަމަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި ވާދަކޮށްލަން ރާއްޖެއަށް ބޭނުންވާ ކަމެކެވެ. އެ ޓޫރިޒަމަށް އާންމުކޮށް އަންނާނީ އަތްމަތި ތަނަވަސް މީހުން ކަމުން, އެމީހުން އުޅޭ ތަންތަނުގައި ރަނގަޅު މުސާރައަކާއެކު މީހުން ގެންގުޅެންވެސް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. މައުސޫމް އިތުރަށް ވިދާޅުވީ, ރިއަލް އެސްޓޭޓަށް ދޫކުރާ ރަށްތައް ތަރައްގީކުރާނެ ތަފާތު މޮޑެލްތައް އެބަހުރި ކަމަށެވެ. އަދި އެރަށްތައް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އިދާރީ ގޮތުން ޓޫރިޒަމް މިނިސްޓްރީން ކޮށްލަން ޖެހޭ ބައެއް ކަންތައް އެބަހުރި. ކޮށްލާފަ އިރާދަކުރެއްވިއްޔާ އޮގަސްޓް މަހުގެ ތެރޭގައި (ރަށްތައް ހުޅުވާލެވޭވަރު) ވާނެ," ރަށްތައް ހުޅުވާލާނެ ތާރީހަކާ ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވިއެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އާންމުކޮށްފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން, ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ސަރަހައްދެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާއިރު, އެ ސަރަހައްދުގައި ތަރައްގީ ކުރުމަށް ހުށަހަޅާ އެޕާޓްމަންޓް, ވިލާ ނުވަތަ ކޮޓަރީގެ އަދަދާއި ތަރައްގީކުރެވޭ އިތުރު ހިދުމަތްތަކާއި ވަސީލަތްތައް ހިމަނަން ޖެހެއެވެ. އަދި ޓޫރިޒަމް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދެއް ކުއްޔަށް ދެވޭނީ ހަމައެކަނި ސަރުކާރުގެ 100 ހިއްސާ އެކުލެވޭ ކުންފުންޏަކަށް ކަމަށް ބުނެފައިވެއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ, ރިއަލް އެސްޓޭޓް ޓޫރިޒަމް ފަށައިގަންނަ އިރު, އެއާ ވާދަކުރާ ގޮތަށް އިންޓަގްރޭޑެޓް ޓޫރިޒަމް މޮޑެލް އޮތުމުން ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އޭގެ ފުރަތަމަ މޮޑެލްއަކީ ލ. ބަރެސްދޫ ކަމަށާއި އެރަށުގައި ހިންގާ މަޝްރޫއު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ބަރެސްދޫ މަޝްރޫއަކީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފެށި ނަމަވެސް, ހުއްޓިފައި އޮތް މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 25 އާއި 50 އާ ދެމެދުގެ އަދަދެއްގެ ގެސްޓްހައުސް އަޅަން ނިންމާފައިވާ އިރު, މޫދު ކޮޓަރި ހިމެނޭ ގޮތަށް 100 އެނދުގެ ހޮޓަލެއްވެސް އަޅަން ހިމަނާފައިވެ އެވެ.

ސަރުކާރުގެ ފަރާތުން އެ މަޝްރޫއު ކުރިއަށް ގެންދަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންނެވެ. އެ ކުންފުނިން މިހާރު ވަނީ އިންވެސްޓަރާއެކު ޖޮއިންޓް ވެންޗާ އެއް ހަދައިގެން އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައިފައެވެ.