ޚަބަރު

ރިސޯޓް ސަޕްލައި އިންޑަސްޓްރީއަށް ހާއްސަކޮށްގެން ބާއްވާ އެސްޓްރަބަން އެކްސްޕޯ ފަށައިފި

ފުޑް އެންޑް ބެވަރޭޖް (އެފްއެންޑްބީ) ދާއިރާއާ ގުޅޭ ސާމާނު ރާއްޖެއަށް އެތެރެކޮށް ވިއްކާ އެސްޓްރަބަން ކުންފުނީގެ އުފެއްދުންތައް ދައްކާލަން ބާއްވާ, "އެސްޓްރަބަން އެކްސްޕޯ" މިއަދު ފަށައިފިއެވެ.

މެންހަޓަން ބިޒްނަސް ހޮޓަލުގެ ފުރަތަމަ ބުރީގައި ކުރިއަށްދާ މި އެކްސްޕޯ ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމެވެ.

މި ރަސްމިއްޔާތުގައި އެސްޓްރަބަންގެ އެންމެ ބޮޑެތި ކަސްޓަމަރުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އެރުވިއެވެ. ހަނދާނީ ފިލާ އެރުވީ ސިޔާމް ވޯލްޑް, ސިނަމަން ދޮންވެލި މޯލްޑިވްސް އަދި ކްލަބް މެޑް ކާނިއަށެވެ.

އެސްޓްރަބަން އެކްސްޕޯއަކީ މާކެޓިން, އިވެންޓްސް އަދި ޓްރޭޑް ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓު (އައިއެމްޓީއެމް) އިން އިންތިޒާމު ކޮށްގެން އަހަރަކު އެއް ފަހަރު ބާއްވާ އެކްސްޕޯއެކެވެ. މިއީ މި އެކްސްޕޯ ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރުގެ މި އެކްސްޕޯ ބާއްވާފައިވަނީ ޖޫން މަހުގެ ތެރޭގައެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ އެކްސްޕޯ މާދަމާ ކުރިއަށްދާނީ ހެނދުނު ނުވައަކުން ހަވީރު ފަހަކަށެވެ. މި އެކްސްޕޯގައި އެފްއެންޑްބީ ދާއިރާއާ ގުޅުންހުރި އުފެއްދުންތަކުގެ އިތުރުން ލޯންޑްރީ އިކުއިޕްމަންޓް، ގޭތެރޭގެެ އެކި ބޭނުންތަކަށް ބޭނުންވާ އާލާތްތައް އަދި ބަދިގެ ސާމާނު ވެސް ދައްކާލާނެއެވެ.