ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ އަމުރަށް އަދީބު އަނބުރާ ޖަލަށް ބަދަލުކޮށްފި

މަރިޔަމް ޝަހުދާ

ސުޕްރީމް ކޯޓުގެ އަމުރަށް ކުރީގެ ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު އަނބުރާ ޖަލަށް ބަދަލުކޮށްފި އެވެ.

ދާދި ދެންމެއަކު އަދީބު ޖަލަށް ގެންގޮސްފައިވަނީ އިއްޔެ ހައި ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އަދީބު ގޭ ބަންދަށް ދޫކުރިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

ހައި ކޯޓުން އިއްޔެ އަދީބު ގޭ ބަންދަށް ބަދަލު ކުރުމަށް އަމުރުކޮށްފައި ވަނީ އަދީބުގެ ސިއްހީ ހާލަތު ދަށްވެ، ފުރާނައަށް ނުރައްކާވެދާނެކަމަށް ބުނެ ގޭ ބަންދަށް އަދީބު ބަދަލުކޮށްދިނުމުގެ ވަގުތީ އަމުރަކަށް އަދީބުގެ ފަރާތުން އެދުމުންނެވެ.

މި މައްސަލަ މިއަދު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ އެ ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގައި ވަކި ގޮތެއް އެކޯޓުން ކަނޑައަޅަންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން ހައިކޯޓުން ކުރި އަމުރު ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކުރުމަށާއި އަދި އެ ހުކުމް ތަންފީޒުކުރުމަށް އެއްވެސް ފަރާތަކުން ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގާ އަމުރުކުރާ ކަމަށެވެ.

ހައިކޯޓުގެ އަމުރަށް އަދީބު ގޭބަންދަށް ބަދަލު ކުރެވުނީ ރޭގެ ވަގުތެއްގައެވެ.