ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި 18 ދާއިރާއަކަށް ސްޕެޝަލިސްޓުން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން ޑާމެޓޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ، ނިއުރޮލޮޖީ، ކާޑިއޮލޮޖީ، ޕެތެލޮޖީ، ހެމޮޓޮލޮޖީ، އެނެސްތީސިއޮލޮޖީ، އީއެންޓީ، ރޭޑިއޮލޮޖީ، ނެފްރޮލޮޖީ، އޮފްތަލްމޮލޮޖިސް، މެޑިސިން، އޯތޯޕީޑިކްސް، ސާޖަރީ، ޕީޑިއެޓްރިކްސް، ޕިޒީޝިއަން، ސައިކޭޓްރީ، ކޮންސަލްޓަންޓް އިން މެޑިސިން ދާއިރާއަށް ޑޮކްޓަރުން ހޯދަން އިއުލާންކޮށްފައި ވެއެވެ.
ޖުމްލަ 164 ފަރާތަކަށް ފުރުސަތު އޮންނާނެ ކަމަށާއި، ކުރިމަތިލާ ފަރާތްތަކުން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެމީހަކު ވަޒީފާ އަދާކުރަން ބޭނުންވާ ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ މަރުކަޒަކަށް ލިޔެކިއުންތައް ހުށަހެޅުމަށް އިއުލާންގައި ވެއެވެ.
އަދި އެފަރާތްތަކަށް މުސާރާގެ ގޮތުގައި 30،990 ރުފިޔާ، ސަވިސް އެލަވަންސްގެ ގޮތުގައި އިތުރު 10،200 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އެ ވަަޒީފާއަށް ކުރިމަތިލެވޭނީ މެޑިކަލް އޮފިސަރެއް ޝަރުތު ހަމަވުމާއި މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ތިނެއް ނުވަތަ ހަތަރު އަހަރު ދުވަހަށްވުރެ ކުރުނޫން އެމްޑީ، އެމްއެސް ނުވަތަ އެއާ އެއް ފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ހޯދާފައިވާ މީހުންނަށް ކަމަށް ބުނެފައި ވެއެވެ.
އަދި މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭ ކަމަށް ވެސް އިއުލާނުގައި ބުނެއެވެ.