ދުނިޔެ

ހޮވިއްޖެ ނަމަ ބުރުގާ އެޅުން މަނާކުރާނެ ކަމަށް ބުނެ އޮސްޓްރޭލިއާގެ މަޖިލީހަށް ކެންޑިޑޭޓަކު ކެމްޕޭންކުރަނީ

އޮސްޓްރޭރިލާގެ މަޖިލިސް އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު، ވަން ނޭޝަން ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރާ މާކް ލަތަމް އެ ގައުމުގެ ބައެއް ތަންތަނުގައި ބުރުގާ ބޭން ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފިއެވެ.

މާކް ބުނީ އޭނާ މަޖިލީހަށް ހޮވިއްޖެޔާ ބޭންކް ތަކާއި އެއާޕޯޓްތަކާއި ހުރިހާ ސަރުކާރު އޮފީސް ތަކެއްގައި ބުރުގާ އެޅުން މަނާކުރުމަށް ޕޮލިސީއެއް ހަދާނެކަމަށެވެ. އެ ޕޮލިސީގެ ދަށުން ބޭންކާއި އެއާޕޯޓްތަކުގެ ސެކިއުރިޓީ ސްކްރީނިން ތަކުގައި ބުރުގާ ބޭލުމަށް މަޖުބޫރުވާނެއެވެ.

ތޮއްޕާއި ހެލްމެޓްތައް މި ސެކިއުރިޓީ ސްކްރީނިން ތަކުގައި ނަގަން ޖެހޭކަމުގައި ވާނަމަ ބުރުގާއާއި މޫނު ބުރުގާވެސް ނަގަން ޖެހޭނެ ކަމަށް މާކް ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގައި ބުރުގާއާ މެދު ހިޔާލު ތަފާތުވުންތައް ކުރިއަށް ދާތާ ގިނަ އަހަރު ތަކެއް ވެފައިވާއިރު، ވަން ނޭޝަން ޕާޓީގެ ލީޑަރު ޕައިލިން ހެންސަން ވަނީ 2017 ވަނަ އަހަރު ސެނެޓަށް ދިޔައިރު ބުރުގާ އަޅައިގެން ގޮސްފައެވެ. އޭނާ އެކަން ކުރީ ބުރުގާ ބޭން ކުރަން އުޅުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

މާކް އިތުރަށް ބުނި ގޮތުގައި ސަރުކާރު އޮފީސްތަކުގައާއި ބޭންކް އަދި އެއާޕޯޓް ތަކުގައި ބުރުގާ ނަގަން ޖެހުނު ކަމުގައި ވިއަސް ކޮންމެ މީހަކަށްވެސް އެމީހެއްގެ ގޭގައި ނުވަތަ ދިރިއުޅޭ ކޮމިއުނީޓީގައި ބުރުގާ އެޅުމުގެ ފުރިހަމަ އިހްތިޔާރު ލިބޭނެއެވެ.