އިސްރާއީލުން ފަލަސްތީނުގެ އަންހެނަކު ޝަހީދު ކޮށްލައިފިއެވެ.
އުމުރުން 29 އަހަރުގެ މައި އަފަނާ ނަމަކަށް ކިޔާ އެ އަންހެން މީހާގެ ގަޔަށް އިސްރާއީލުގެ ސިފައިން ބަޑި ޖަހައި ޝަހީދުކޮށްލީ އިސްރާއީލުން ހިސާރު ކޮށްފައިވާ ސަރަހައްދުގައި އޮންނަ ހިޒްމާ ނަމަކަށް ކިޔާ އަވަށެއްގައި އިއްޔެގެ ވަގުތެއްގައެވެ.
އިސްރާއީލު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާގެ ގަޔަށް ބަޑި ޖަހާފައި ވަނީ ސިފައިންގެ ގައިގާ ކާރުން ޖައްސަން އުޅުމުގެ ތުހުމަތުގައެވެ. ނަމަވެސް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަފަނާގެ ގަޔަށް ބަޑި ޖެހުމަށްފަހުވެސް އޭނާއަށް ފަރުވާ ދިނުމަށް އެމްބިއުލާންސެއް ގެންގޮސްފައެއް ނުވެއެވެ.
އިސްރާއީލުގެ ސިފައިންނަށް ހަމަލާ ދޭން އުޅޭ ކަމަށް ބުނެ މީގެ ކުރިންވެސް ފަލަސްތީނުގެ އާންމު ރައްޔިތުންގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައިވެއެވެ.
އިއްޔެގެ ހާދިސާ ހިނގާފައި ވަނީ، އިސްރާއީލު ރައްޔިތުން ފަލަސްތީނުގައި ވަޒަންވެރިވުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފުލޭގް މާޗު ހިނގާލުމުގައި އަރަބިން މަރަން ގޮވާލާފައި ވަނިކޮށެވެ. އެގޮތުން އެ ހިނގާލުމުގައި އަރަބިން މަރަން ގޮވައި އަރަބިން އެންދުމަށް އިސްރާއީލުގެ ވަޒަންވެރިން ގޮވާލާފައިވެއެވެ.