މިދިޔަ އާދިއްތަ ދުވަހު ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ބޭއްވި "ޖެންޑާ ބެލެންސް އިންޑެކްސް 2018"ގައި އެވޯޑްތައް ހަމަ އެކަނި ފިރިހެނުންނަށް ލިބުމުން އެގައުމަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.
ދުބާއީގެ ސަރުކާރުން އެ ގައުމުގެ ޓުވިޓަރުގައި ވަނީ އެވޯޑް ހާސިލްކުރި ފަރާތްތަކުގެ ފޮޓޯތައް ހިއްސާކޮށްފައެވެ. އެވޯޑް ދެއްވާފައިވަނީ ދުބާއީގެ ރޫލާ އަދި ޔޫއޭއީގެ ނައިބް ރައީސް ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް-މަކްތުމް އެވެ.
ދުބާއީގެ ސަރުކާރުން ރިޕޯޓް ކުރާ ގޮތުގައި މި އެވޯޑަކީ އެގައުމުގެ އެކި ކުންފުނި ތަކުން ފިރިހެނުންނާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކޮށްފައިވާ މަސައްކަތަށް ބަލައިފައިދޭ އެވޯޑެކެވެ.
އެވޯޑު ހަފްލާގައި ހަތަރު ކެޓަގަރީ ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ބެސްޓް ޕާސަނަލިޓީ ސަޕޯޓިން ޖެންޑާ ބެލެންސް، ބެސްޓް ފެޑަރަލް އޮތޯރިޓީ ސަޕޯޓިން ޖެންޑާ ބެލެންސް، ބެސްޓް ގަވާންމަންޓް އެންޓިޓީ ސަޕޯޓިން ޖެންޑާ ބެލެންސް އަދި ބެންސްޓް ޖެންޑާ ބެލެންސް އިނިޝިއޭޓިވް ހިމެނެއެވެ.
މި ހަތަރު އެވޯޑާވެސް ހަވާލުވެފައިވަނީ ފިރިހެނުންނެވެ. އެހެން ކަމުން މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެކަމާ ނުރުހުން ފާޅުކޮށް ފާޑު ކިޔަމުންނެވެ.
ނަމަވެސް ޝެއިޚް މުހައްމަދު ވަނީ އެެއް އަންހެން ބޭފުޅެއްގެ ނަން ހަފުލާގައި ފާހަގަކުރައްވައިފައެވެ. އެއީ އޭނާގެ ދަރިކަނބަލުން ޝެއިކާ މަނާލް ބިންތި މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްއެވެ. އެކަމަނާގެ ފިރިކަލުންނަކީ ޔޫއޭއީގެ ނައިބް ބޮޑު ވަޒީރެވެ.
އެގައުމުގެ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޝެއިޚް މުހައްމަދު ވަނީ އޭނާގެ ދަރިކަނބަލުން އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދަވާ ޖެންޑާ ބެލެންސް ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށް ވިދާޅުވެފައެވެ.