ދުނިޔެ

އިސްރާއީލުން އަނެއްކާވެސް ގާޒާއަށް ހަމަލާ ދޭން ފަށައިފި

އިސްރާއީލުން ގާޒާއަށް އަނެއްކާވެސް ހަމަލާތައް ދޭން ފަށައިފިއެވެ.

އިސްރާއީލުން ގާޒާއަށް ބޮމުގެ ހަމަލާތައް ދޭން ފަށާފައި މިވަނީ އިސްރާއީލުގެ ހުޅަނގުގެ ސަރަހައްދަށް ފަލަސްތީނުގެ ގުރޫޕަކުން އަލިފާން ރޯކޮށްފައި ހުރިި ފުއްޕާހަންތަކެއް ފޮނުވި ކަމަށް ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ގާޒާއިން ފޮނުވާލި ފުއްޕާހަންތަކުގެ ސަބަބުން 20 ތަނެއްގައި އަލިފާނުގެ ހާދިސާ ހިނގުމާ ގުޅިގެން، ހަމާސް އަށް އަމާޒުކޮށް ގާޒާއަށާއި ހާން ޔޫނިސްއަށް ހަމަލާތައް ދޭން ފަށާފައިވާ ކަމަށެވެ.

ގާޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގެ ދިފާއުގައި ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ހުރުމަތް ކުރެއްވިގެންވާ ސަރަހައްދުތަކުގެ ހިމާޔަތުގައި ފަލަސްތީނުން މަސައްކަތް ކުރާނެ ކަމުގައި ހަމާސް އިން ވަނީ ބުނެފައެވެ.

ނަމަވެސް އިސްރާއީލުގެ މިހަމަލާތަކުގެ ރައްދުގައި ފަލަސްތީނުން ހަމަލާއެއް އަދި ދީފައެއް ނުވެއެވެ.

އިސްރާއީލުން މެއިމަހުގެ 10-21 އާއި ހަމައަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމަށްފަހު އަލުން ފަށާފައި މިވަނީ އިސްރާއީލުގައި އާ ސަރުކާރެއް ގާއިމުވިތަނާ އެވެ. ނަފްތަލީ ބެނެޓުގެ ސަރުކާރު މިދިޔަ ހަފުތާ ބަންދުގައި އައްޔަންވެ، 12 އަހަރު ދުވަހު ބޮޑުވަޒީރުކަމުގައި ހުރި ނަތަންޔާހޫ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އިސްރާއިލުން ވަނީ ފްލެގް މާޗްގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. ދިދަތައް ހިފައިގެން އިސްރާއީލުގެ އެތައްހާސް ބަޔަކު ބައިތުލް މަގުދިސްގެ މަގުތަކުގައި ބޮޑު ހިނގާލުމެއް ބާއްވައި އަރަބީން މެރުމަށާއި އަރަީބިން ދިރިއުޅޭ އަވަށްތައް އަންދާލުމަށް ގޮވާލަމުން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އާ ސަރުކާރުގެ ރުހުން ލިބިގެން އިސްރާއީލުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.