މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅުކުރައްވާ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
"ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގައި ރައްޔިތުން ނިންމެވި ގޮތް ދާއިމީ ނަތީޖާއިން ވަރަށް ސާފުކޮށް ފެންނަން އެއޮތީ ކަމަށާއި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކަންކަން ދާން ވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގިނަ ފަހަރަށް އިންތިޚާބުތައް ނިމިގެން ދާއިރު އެކިކަހަލަ ތަފާތު ވާހަކަތައް ދެކެވޭނެ ކަމަށާއި އެކަމާ މެދު މިވަގުތު އެއްޗެއް ވިދާޅުވާން ގަސްދު ނުކުރައްވާ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތިން ވަނަ ނައިބު ރައީސް އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވި އިރު، ރައީސް ޔާމީން ވަނީ ނަތީޖާ ގަބޫލުފުޅުކުރައްވާ ކަމަށް ކުރީން ވިދާޅުވެފައި ފަހުން އެހެން މޭރުމަކުން ވާހަކަފުޅު ދައްކަވައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުގެ އޯޑިއޯ ކްލިޕެއް ލީކުވެފައި ވަނިކޮށް "އޮޅުވާލި ވޯޓު" ގެ ނަމުގައި ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އިންތިޚާބުގައި ލިބިވަޑައިގެންނެވީ 96000 ވޯޓު ކަމަށް މިހާރު ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދައި އެމަނިކުފާނު ވަނީ ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ.
ރައީސް ޔާމީން މިމޭރުމުން ވާހަކަފުޅުދެއްކެވި އިރު، ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ވަނީ ރިޔާސީ އިންތިޚާބު ބާތިލުކުރަން ވެސް ގޮވާލައިފަ އެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު އިންތިޚާބު ކާމިޔާބު ކުރެއްވީ 134،705 ވޯޓާ އެކުގައެވެ.