އަޅުގަނޑުމެންގެ ހިތްތަކަށް ތަސައްވަރު ވެސް ނުކުރެވޭވަރަށް ރައީސް ޔާމީން އަބްދުލްގައްޔޫމް، ރާއްޖެ ތަރައްގީ ކޮށްދީފިކަމަށް ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތަރައްގީ ކުރަމުންގެންދާ ހިޔާ މަޝްރޫއުގެ ހިޔާ އެކޮމްޕްލިޝްޑް އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ކުރިއަށްދާ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ހިތްތަކަށް ތަސައްވަރު ވެސް ނުކުރެވޭ ވަރަށް ރައީސް ރާއްޖެ ތަރައްގީ ކުރައްވައިފި ކަމަށާއި، ސިނަމާލެ ބްރިޖަށް އެކަނި ބަލާލުމުންވެސް އެކަން ސާފުވާ ކަމަށެވެ.
"ހިޔާ މަޝްރޫއު ހިންގެވުމަށް ރައީސް ނިންމެވީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް. ހަގީގަތުގައި ހިތްތަކަށް ވެސް ތަސައްވަރު ނުކުރެވޭވަރަށް ރައީސް ރާއްޖެ ތަރައްގީ ކޮށްދެއްވައިފި. ސިނަމާލޭ ބްރިޖު އެކަނިވެސް އެކަމުގެ ހެއްކަކަށް ފުދޭނެ،" ޖިހާދު ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ މިރޭ އިއުލާންކުރެވިގެން ދިޔަ ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއަކީ ބޯހިޔާވަހިކަން ޔަގީން ވެގެންދާނެ މަޝްރޫއެއް ކަމަށާއި، އެފަދަ މަޝްރޫއަކަށް ފުރުސަތު ފަހިކޮށްދިނީތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއީޒާއި އެ މަނިކުފާނުގެ ބެއްލުވުމުގެ ދަށުން އެކަން ހިންގަވާ ޓީމަށް ނުހަނު އިހުލާސްތެރި ޝުކުރު އަދާކުރާ ކަމަށެވެ.
ޖިހާދު އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމަކީ ކޮންމެ ސަރުކާރަކަށް ވެސް އޮންނަ ޗެލެންޖެއް ކަމަށާއި، މި ސަރުކާރުން އެކަން ގައުމީ ކަމެއްގެ ގޮތުގައި ދެކި، ހައްލު ހޯއްދަވައިދެއްވި ކަމަށެވެ.
"ބޯހިޔާވަހިކަމުގެ މަސައްކަތަކީ ހައްލު ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއް. އެއީ ކޮންމެ ސަރުކާރަކަށް ވެސް އޮންނަ ޗެލެންޖެއް. ކުދިކުދި ތަންތަނުގައި ކުލި ދައްކައިގެން ދިރިއުޅުމަކީ ރައްޔިތުންނަށް ފަސޭހަ ކަންތަކެއް ނޫން. ވަރަށް ހާލުގައި ދިރިއުޅޭ ރައްޔިތުން އަތޮޅު ތެރޭގައާއި މާލޭގައިވެސް އުޅޭތަން ފެނޭ. ކުދިން ލިބި، ނޫނީ ކައިވެންޏެއް ކޮށްވެސް ދިރިއުޅުމެއް ފެށުމަށް މި ޖެހެނީ ކުޑަކުޑަ ކޮޓަރިއެއްގައި. ހާސްކަމާ އުދާސްތަކުގައި. ހިޔާ މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިތްހަމަ ޖެހުމާ ތަސައްލީއެއް ގެނުވި ކަމެއް. އެކަމަކު އެކަން އަދި ނިމުނީކީއެއް ނޫން. ސަރުކާރުން އަމާޒު ހިފާފައި ވަނީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭން،" ނައިބު ރައީސް ޖިހާދު ފާހަގަކުރެއްވިއެވެ.
ޖިހާދު ވިދާޅުވީ ރައްޔިތުންނަށް ގެނުވަމުންދާ ތަރައްގީ ކުރިއަށް ގެންދެވުމަށް އަންނަ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޔާމީނަށް ވޯޓު ދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، ފަހަތަށް ފިޔަވަޅެއް ނާޅާ އަދިވެސް ކުރިއަށްދާން ވިސްނުމަށެވެ.