ޚަބަރު

ރައީސް ޔާމީންގެ ދެ ނައިބުންނާއި ހަތްވަޒީރަކު އެއްވެސް އަހަރަކު މާލީ ބަޔާން ހުށައެއްނާޅުއްވާ: އޮޑިޓާޖެނެރަލް

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ރިޔާސީ ދައުރުގެ ފަސް އަހަރުގައި، އެމަނިކުފާނުގެ ދެ ނައިބު ރައީސުންނާއި ހަތް ވަޒީރަކު އެއްވެސް އަހަރަކު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ރައީސުލް ޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އާއި ވަޒީރުންނަކީ، އަހަރަކު އެއްފަހަރު އޮޑިޓާ ޖެނެރަލަށް އެސެޓްސް ޑެކްލަރޭޝަން ހުށަހަޅަން ޖެހޭ ފަރާތްތަކެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރާއި، އެންމެ ފަހުން ހުންނެވި ނައިބު ރައީސް އަބުދުﷲ ޖިހާދުވެސް އެއްވެސް އަހަރަކު އެބޭފުޅުންގެ މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.

އެމަނިކުފާނުގެ ކެބިނެޓުގައި ހިިމެނި ވަޑައިގެންނެވި ވަޒީރުންގެ ތެރެއިން އެއްގޮތަކަށްވެސް މާލީ ބަޔާން ހުށަހަޅުއްވާފައިނުވާ މނިސްޓަރުންގެ ތެރޭގައިވެސް މި ދެ ބޭފުޅުން ހިމެނިވަޑައިގަންނަަވަ އެވެ. އެގޮތުން އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި، އަދި ޖިހާދު ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރުވެސް މާލީ ބަޔާން ހުށަހަޅުއްވައިފައެއް ނުވެ އެވެ.

ރައީސް ޔާމީންގެ ކެބިނެޓުގައި މާލީ ބަޔާން ހުށަހަޅުއްވާފައިނުވާ ބޭފުޅުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ، އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުޙައްމަދު ސައީދު އާއި ރައީސް ޔާމީންގެ ފުރަތަމަ ޔޫތު މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލް އާއި ދެން ޔޫތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމް އާއި ހެލްތު މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ނާޒިމް އާއި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހްމަދުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން އިބްރާހީމް އާއި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލް އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމުކުރި ރިޕޯޓުގައި ވާގޮތުން ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމުނުއިރު އެމަނިކުފާނު، މާލީ ބަޔާން ހުށަހަޅުއްވާފައި ވަނީ އެންމެ ދެ އަހަރު އެވެ. އެއީ 2014 ވަނަ އަހަރާއި 2018 ވަނަ އަހަރު އެކަންޏެވެ. 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވާފައި ވަނީ ރިޔާސީ ދައުރު ނިމުމުގެ ދެ ދުވަސް ކުރީންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ތިން ބޭފުޅަކު ނައިބު ރައީސްކަން ކުރައްވާފައިވާއިރު، ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ އެންމެ އަހަރަކުއެވެ. އެއީ 2014ވަނަ އަހަރުއެވެ. 2015ވަނަ އަހަރުގެ މެދެއްހައި ހިސާބުގައި އެމަނިކުފާނު ވަނީ މަގާމުން ދުރުކޮށްފައެވެ.