ކުއްލި ޚަބަރު

އަދީބު ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފި އެވެ.

އަދީބު މިރޭ ގެބަންދަށް ބަދަލުކޮށްފައިވަނީ ހައި ކޯޓުން މިއަދު އަދީބު ގެޔަށް ބަދަލު ކުރަން އަމުރުކުރުމުންނެވެ. އެކަށީގެންވާ ބޭސްފަރުވާ ނުލިބޭތީ އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށް އެކޯޓުން ކަނޑައެޅުމުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައި، މިއަދު ވަނީ އެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައި އެމައްސަލައިގައި ވަކި ގޮތެއް ނިމެންދެން އަދީބު ގޭބަންދަށް ބަދަލު ކުރުމަށް ފަނޑިޔާރުންގެ އިއްތިފާގާއެކު ވަނީ ނިންމައިފައެވެ.

މިދިޔަ އަހަރު ފަހު ކޮޅު އަދީބު ގޭބަންދަށް ބަދަލްކޮށްފައިވާ އިރު، އަދީބު ވަނީ މި މަހު ކުރީކޮޅު އަނބުރާ ޖަލަށް ގެންގޮސްފައެވެ. ހޯމް މިނިސްޓްރީން ވަނީ އަދީބު އަލުން ޖަލަށް ބަދަލުކުރެވުނީ ދީފައިވާ މުއްދަތު ހަމަވުމުން ކަމަށް ހާމަކޮށްފައެވެ. ނަމަވެސް އަދީބު އަނބުރާ ޖަލަށް ގެންދެވުނީ ބޭސްފަރުވާއަށް ދިން މުއްދަތު ހަމަނުވަނީސް ކަމަށް އާއިލާ އާއި އެމްޓީޑީގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

އަދީބުގެ އަންނަނީ އެކި ކުށްތައް ސާބިތުވުމާ ގުޅިގެން ޖުމުލަ 33 އަހަަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.