ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ޕީއެންސީގެ މައްސަލަބަލަން ކޮމެޓީއެއް އެކުލަވައިލައި ދެދުވަސްތެރޭ ނިންމަން އަންގައިފި

ޕީޕިއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރި ކަމަށް ބުނެ އިލްކެޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބަލަން ކޮމެޓީއެއް އެކުލަވަައިލައި އެ މައްސަލަ ދެ ދުވަސްތެރޭ ބަލައި ނިންމަން ކޮމިޝަނުން އެ ކޮމެޓީއަށް އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވީ މައްސަލަ ބަލަން އެކުލަވައިލި ކޮމެޓީގައި ތިއްބަވާނީ ކޮމިޝަނުގެ ލީގަލް ޓީމުން ދެބޭފުޅުންނާއި ކޮމިޝަނުން ގަބޫލުކުރާ ލޯ ފާމެއްގެ އެއް ބޭފުޅަކާ އެކު ޖުމުލަ ތިން ބޭފުޅުން ކަމަށެވެ.

"މާދަމާއިން ފެށިގެން ދެ ދުވަސް ކޮމިޝަނުން އެ ކޮމެޓީއަށް މައްސަލަ ބަލައި ނިންމަން ދީފަ މި އޮތީ. އުފެއްދުމުގެ މަރުހަލާގަ އޮތް ޕާޓީއެއް ވީމަ އަވަސް ކުރަން ކޮމިޝަނުން ވެސް ވަރަށް ބޮޑަށް ބޭނުންވޭ." އަކްރަމް ވިދާޅުވި އެވެ.

ޕީއެންސީ އުފެއްދުމުގެ މަރުހަލާގައި ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް އިލެކްޝަނުން ބަލަމުން އަންނަ އިރު، ދާދި ފަހުން އިލެކްޝަނުން ވަނީ ސިޔާސީ ޕާޓީތަކާ ބެހޭ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސް އަލުން ގެޒެޓުކޮށްފަ އެވެ. މިހާރުގެ ގަވައިދުގައި ބުނެފައިވާ ގޮތުން ޕާޓީއެއް އުފެއްދުމުގެ މަރުހަލާގައި އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތްތައް ގަވައިދާ ޚިލާފަށް ބޭނުންކޮށްފި ނަމަ، އެ ޕާޓީއެއް ރަޖިސްޓްރީކޮށް ނުދިނުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެ އެވެ.

ޕީއެންސީ އުފެއްދުމުގެ ޖަލްސާ އެ ޕާޓީން ރޭ ވަނީ ބާއްވައިފަ އެވެ.