ފިރިމީހާގެ ފޯނު އޭނާ އަށް ނޭނގި ބެލި އަނބިމީހާ އަށް ޔޫއޭއީގެ ކޯޓަކުން ތިން މަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
ޔޫއޭއީގެ ރަސް އަލް ޚައިމަ ކޯޓުން މި ހުކުމް ކުރީ އަނބިމީހާ ފޯނު ބެލި ކަމަށް ބުނެ ފިރިމީހާ މައްސަލަ ހުށަހެޅުމުންނެވެ. އަދި ބުނި ގޮތުގައި އަނބިމީހާ ވަނީ އޭނާގެ ޕްރައިވަސީއަށް އަރައިގަނެފައެވެ.
ފިރިމީހާގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އޭނާގެ އަންހެނުން ވަނީ ފޯނުގައި ހުރި ޑާޓާތައް ފަހުން ބެލުމަށް އެހެން ފޯނަކަށް ބަދަލުކޮށްފައެވެ. މިކަން އަންހެން މީހާ ކޮށްފައިވަނީ އޭނާ ނިދާފައި އޮއްވައެވެ.
އޭގެ ދިފާއުގައި އަންހެން މީހާ ބުނިގޮތުގައި ފިރިމީހާ އެހެން އަންހެނުންނާ ވާހަކަ ދައްކާކަން ކުރިންވެސް ފަޅާއަރާފައިވުމުން ފިރިމީހާ ވަނީ ފޯނުގެ ޕާސްވޯޑު އޭނާއަށް ދީފައެވެ. އަދި ފޯނު ބެލުމުގެ ހުއްދަވެސް އޮތީ ދީފަ އެވެ.
ސައިބަރކްރައިމް ޤާނޫނަށް ޔޫއޭއީގައި ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ހާއްސަކޮށް މީހެއްގެ ޕްރައިވެސީ އެވެ. އެގައުމުގައި މީހެއްގެ ރުހުން ނެތި އެމީހެއްގެ ފޯނު ބެލުމަކި މަނާކަމެކެވެ. އެއީ އިނދެގެން އުޅޭ ދެމީހުން ކަމުގައި ވިއަސް މެއެވެ.
ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ ވަނީ އޯގަސްޓް މަހު ތެރޭގައި އެޤައުމުގެ ސައިބަރކްރައިމް ޤާނޫނު އިތުރަށް ވަރުގަދަކޮށް އެ ޤާނޫނުގެ ތެރެއިން 25 އަހަރަށް މީހުން ޖަލަށް ލެވޭގޮތަށް ވެސް ބަދަލުކޮށްފައެވެ.