ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަކީ ދިވެހި ގައުމު ސަލާމަތްކުރާނެ ލަޝްކަރު ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީ އުފެއްދުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް މަސައްކަތްކުރުމުގެ ޖާގައެއް އެ ދެ ޕާޓީން ނުދޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ޕާޓީއާއި ޕީޕީއެމް ގުޅުނީމާ އެއީ މި ދިވެހި ގައުމު ސަލާމަތްކުރާނެ ލަޝްކަރު. ދިވެހި ރައްޔިތުންގެ ހަރުމުދާ ވިއްކާ ހުސްކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. ދިވެހި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާކަށް ވެސް އަޅުގަނޑު ޖާގައެއް ނުދޭނަން. އަޅުގަނޑަށް އެ ޔަގީންކަން އަރުވަން މި ކެރެނީ އަޅުގަނޑުމެންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރައީސް ޔާމީން ކަމަށްވާތީ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީއެންސީ ރަޖިސްޓަރީވެގެން ރައްޔިތުންގެ މަޖިލީހަށް ވަންނާނީ މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާއެކު ކަމަށާއި އެ ޕާޓީގެ މައިގަނޑު މަގުސަދަކީ ސައްތައިން ސައްތަ މުސްލިމު، މިނިވަން، މުސްތަގިއްލު ދިވެހި ގައުމެއް ބިނާކުރުން ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީގެ މައިގަނޑު މަގުސަދަކީ ސައްތައިން ސައްތަ މުސްލިމު، މިނިވަން، މުސްތަގިއްލު ދިވެހި ގައުމެއް ބިނާކުރުމަށް. މި ދިވެހި ފަސްގަނޑުން މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތު ނުދިނުމަށްޓަކައި ކަމަރު ބަނދެގެން. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްގުލާލު ނަގާލުމަށް ކުރެވޭ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގެ މަތިވެރި އަޒުމުގައި. ދިވެހި ރައްޔިތުންގެ އުފާފާގަތިކަމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގެ ގަދަ ހިތްވަރާއެކީގައި. ގައުމު ތަރައްގީކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމުގެ ސާބިތުކަމާ އެކީގައި،" އޭނާ ވިދާޅުވިއެވެ.