ޕީޕަލްސް ކޮންގްރެސް ޕާޓީ (ޕީއެންސީ) އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީއެއް ކަމަށާއި އެ ޕާޓީއަކީ އެމަނިކުފާނުގެ ފިކުރާއި ސިޔާސަތު ދަމަހައްޓާނެ ޕާޓީއެއް ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީ އުފެއްދުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ޕީއެންސީއަކީ ރައީސް ޔާމީނާއެކު ވަރަށް ސާބިތުކަމާއެކު ނުކުމެ، މިގައުމާއި މިގައުމުގެ ރައްޔިތުންނަށްޓަކައި ހިދުމަތްކުރާނެ ޕާޓީއެއް ކަމަށެވެ.
"އެއްގޮތަކަށް ވެސް ތިބޭފުޅުން ގަބޫލުފުޅު ނުކުރައްވާތި މި ޕާޓީއަކީ އެހެން މީހެއްގެ ޕާޓީއެއް ނޫން. މި ޕާޓީއަކީ ރައީސް ޔާމީންގެ ޕާޓީއެއް. ރައީސް ޔާމީންގެ ފިކުރު ދަމަހައްޓާނެ ޕާޓީއެއް. އެމަނިކުފާނުގެ ސިޔާސަތު ދަމަހައްޓާނެ ޕާޓީއެއް. އެމަނިކުފާނާ އެކީގައި ވަރަށް ސާބިތުކަމާއެކީ ނުކުމެ، މިގައުމާއި މިގައުމުގެ ރައްޔިތުންނަށްޓަކައި ހިދުމަތްކުރާނެ ޕާޓީއެއް،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީއެންސީ ވުޖޫދުވެގެން އައިސްފައިވަނީ ރައީސް ޔާމީންގެ ހާއްސަ އިސްނެންގެވުމަކާއި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމާއި އަދި ލަފާފުޅާއި އިރުޝާދާއެކީ ކަމަށާއި އެ ޕާޓީ އުފެއްދުމުގެ ހުރިހާ ވިސްނުންފުޅަކާއި ހުރިހާ ހިޔާލުފުޅެއް ތިލަކޮށްދެއްވި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.